ސްޓާ ވޯސްގެ ބަތަލާ ކެރީ ފިޝާ ވަނީ އިއްޔެގެ ވަގުތެއްގައި މަރުވެފަ އެވެ. މިހަބަރަކީ މިއަދު ހޮލީވުޑްގެ އިތުރުން މުޅިދުނިޔޭގައިވެސް ފެތުރިގެންދާ ހަބަރެވެ. ސަބަބަކީ ސްޓާ ވޯޒްއަކީ ދުނިޔޭގެ ގިނަބައެއްގެ މެދުގައި މިއަދު އެންމެ މަޝްހޫރު އެއް ފިލްމަށް ވާތީ އެވެ. މިހާރު މިކަމާ ގުޅިގެން ގިނަބައެއްގެ މެދުގައި އުފެދިގެންދާ ސުވާލަކީ ފިޝާ މަރުވުމުން ސްޓާވޯޒް ސީރީޒްގެ އަށްވަނަ ސީޒަން އާއި ނުވަވަނަ ސީޒަންއަށް އެއްވެސް ހީނަރުކަމެއް އަތުވެދަނެ ތޯއެވެ.

ސީއެންއެން ގައި ބުނެފައިވަނީ ސްޓާ ވޯޒްގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދިން ގޮތުގައި ފިޝާ މަރުވިއިރު ވަނީ ސްޓާ ވޯޒް ސީރީޒްގައި އޭނާ ކުޅެންހުރި ހުރިހާ ބައިތަކެއް ކުޅެ ނިންމަފައި ކަމަށެވެ. އަދި ސްޓާ ވޯޒްގެ އަށްވަން އެޕިސޯޑް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނި އަންނަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށްވެސް ބުނެ އެވެ. އަދި މިފިލްމުގެ ނުވަވަނަ ބައި ނެރުމަށް ހަމަޖެހިފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

ސީއެންއެންއުން ބުނީ ފިޝާ މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ފިޝާ މަރުވީ ހިތުގެ ބައްޔަކާއި ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ވަނީ ބުނެ އެވެ. އަދި ފިޝާ މަރުވިއިރު އޭނާގެ އުމުރަކީ 60 އަހަރު ކަމަށްވެސް ނޫހުގައިވެ އެވެ. އަދި ފިޝާއަށް ހާޓް އެޓޭކް ޖެހުނީ މިދިޔަ ހުކުރު ދުވަހު ލަންޑަނުން ފުރައިގެން އެމެރިކާގެ ލޮސް އެންޖެލިސް އަށް ކުރި ދަތުރެއް ނިންމާލިތަނާ އެވެ. ވީއެންމެ އަވަހަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އަދި އޭގެ ފަހުން އޭނާގެ ހާލު ރަނގަޅު ނުވާ ކަމަށްވެސް ފިޝާގެ އާއިލާއިން ބުނެފައިވެ އެވެ.

ފިޝާ މަރުވުއިރު އޭނާގެ މަންމަ އަދި އެމެރިކާގެ ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ ޑެބީ ރެނޯލްޑްސް އަދިވެސް ދުނިޔޭގައި ހުރި ކަމަށާއި މިކަމާއި ގުޅިގެން މުޅި އާއިލާއަށް ފޫނުބެދޭވަރުގެ ހިތާމައެއް ލިބިގެން ދިޔަކަމަށްވެސް އާއިލާއިން ބުނެ އެވެ.

ފިޝާ އަކީ އެމެރިކާގެ ކުރީގެ މަޝްހޫރު މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެމެރިކާގެ ޓީވީތަކުން ހުށަހަޅައިދިން މީހެއް ކަމަށްވާ އެޑީ ފިޝާގެ ނަމުން މަޝްހޫރުވެފައިވާ އެޑްވިންޖެކް އާއި އެމެރިކާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ޑެބީ ރެނޯލްޑްސްގެ ދަރިއެކެވެ. އަދި ފިޝާ ދުނިޔެއަށް މަޝްހޫރުވެފައިވަނީ ސްޓާ ވޯސް ފިލްމު ސިލްސިލާގައި ޕްރިންސެސް ލެއާގެ ރޯލު ކުޅެގެންނެވެ.

ފިޝާގެ އަމިއްލަ ދިރިއުޅުމަށް ބަލާލުމުން އޭނާއަކީ ވަރަށް ގިނަ ކަންތައްތަކަކާއި ކުރިމަތިލީ އަންހެނެއްކަން ފާހަގަކޮށްލެވެއެވެ. މިކަން ކަމުގެ ސަބަބުން ސިކުނޑީގެ ބަލިމަޑުކަމެއް ހުރިކަމަށާއި އަދި މަސްތުވާތަކެތީގެ ތެރޭގައި ފިޝާ އުޅުނު ކަމުގެ ވާހަކަތަކަކީ ފަހަކަށް އައިސް އިންޓަވިއު ތަކާއި ލިޔުންތަކުގައި ވަރަށް ގިނައިން ހިމެނިފައިވާ ވާހަކަ ތަކެއްކަންވެސް ފާހަގަކޮށްލެވެ އެވެ.

ފިޝާ އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅިފައިވަނީ އެމެރިކާގެ ކުރީގެ މަޝްހޫރު މިއުޒިޝަނެއް ކަމަށްވާ ޕޯލް ސައިމޮންއާ އެވެ. އަދި މިގުޅުން ކުރިއަށް ދިޔައީ 1977 އިން ފެށިގެން 1983 ވަނަ އަހަރަށެވެ. މިމުއްދަތުގައި އެގުޅުމަށް މެދުކެނޑުމެއް އައި ކަމަށާއި އަދި 1980 ވަނަ އަހަރު ތެރޭގައި އެމެރިކާގެ ކުރީގެ ކޮމޭޑިއަންއެއް ކަމަށްވާ ޑޭން އެކްރޯއިޑް އާއި އެންގޭޖް ވެސް ވެފައިވެ އެވެ. ނަމަވެސް އަނެއްކާވެސް ފަހުން ސައިމަން އާއި ގުޅި 1983 ވަނަ އަހަރު ސައިމަން އާއި ފިޝާ ކައިވެނި ކުރި އެވެ.

އޭގެ ދުވަސްތަކެއް ފަހުން އެމެރިކާގެ ޓެލެންޓް އޭޖެންޓެއް ކަމަށްވާ ބްރަޔަން ލުއާޑްއާ ވެސް ފިޝާ ލޯބީގެ ގޮތުން ގުޅިފައިވެ އެވެ. އަދި 1992 ވަނަ އަހަރު މި ދެ މީހުންނަށް ދަރިޔަކު ލިބިފައިވެ އެވެ. މި ދަރިފުޅުގެ ނަމަކީ ބިލީ ކެތަރިން ލުއާޑް އެވެ.

މިދިރިއުޅުމަށްފަހު އަނެއްކާ 2003 ވަނަ އަހަރު އޭނާ ވަނީ އެމެރިކާގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޖޭމްސް ބްލަންޓާއި ވެސް ލޯބީގެ ގޮތުން އެތައް ދުވަހަކު ގުޅިގެން އުޅިފަ އެވެ.

ފިޝާ ފިލްމީ ދާއިރާއަށް ފުރަތަމަ ނިކުތީ 1975 ވަނަ އަހަރު އެވެ. އަދި އެންމެ ފުރަތަމަ އޭނާ ކުޅުނު ފިލްމަކި "ދަ ޝޭމްޕޫ" އެވެ. އެއަށްފަހު 1989 ވަނަ އަހަރު ވަނީ އޭނާގެ "ދަ ބަރބްސް" އާއި "ވެން ހެރީ މެޓް ސެލީ" ވެސް ނިކުމެފަ އެވެ. އަދި މީގެ އިތުރުން ފިޝާ ވަނީ "އަންޑަރ ދަ ރެއިންބޯ" އާއި "ދަ ޓައިމް ގާޑިއަން" ފަދަ ފިލްމްތައްވެސް ކުޅެފަ އެވެ. ނަމަވެސް ފިލްމީދާއިރާއިން އޭނާ މަޝްހޫރުވެފައިވަނީ ސްޓާ ވޯޒް އިންނެވެ.

ފިޝާ މަރުވުމުން ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންތަކެއް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖްތައް ފޮނުވާފަ އެވެ. އަދި ސްޓާ ވޯޒްގެ ޓީމުން ފަހަގަކުރި ގޮތުގައި ފިޝާ މަރުވުމުން މުޅި ޓީމަށް ވެސް ވަރަށް ބޮޑު އުނިކަމެއް ލިބިގެންދާނެ އެވެ.