ސައިފް އަލީ ހާން ބޭނުންވަނީ އޭނާގެ ޗުއްޓީ ހަމަވުމަށް ފަހު އަނބުރާ މަސައްކަތައް ނިކުންނަ އިރުވެސް އަންހެނުން ކަރީނާ ކަޕޫރާއި ދަރިފުޅު ތައިމުރް އަލީ ހާން ޕަތޯޑީ އާއިއެކުގައި ވީހާވެސް ގިނަ ވަގުތަކު އުޅޭށެވެ. އަދި ދަރިފުޅުގެ ހުރިހާ ކަމެއްގައި ވެސް އަންހެނުންނަށް އެހީތެރިވާށެވެ. އަދި އަބަދުވެސް ދަރިފުޅު ފެންނަ ހިސާބުގަ ހުންނާށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓައިމްސްގައި ބުނެފައިވަނީ ސައިފް މިހާރު ކުޅެމުންދާ "ޝެފް"ގެ ޝޫޓިންގެ ފަހު މަންޒަރުތައް ނެގުމަށް އަންނަ މަހު ސައިފް ޔޫރަޕްށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަހަރު ޝޫޓިންއަށް ދާއިރު ސައިފް ދާނީ ދަރިފުޅާއި އަންހެނުން ގޮވައިގެން ކަމަށްވެސް ނޫހުގައިވެ އެވެ.

މީގެ އިތުރުންވެސް ސައިފް ބުނީ މިދަތުރުގައި ތައިމުރް އާއި އަންހެނުން ގެންދިއުމަކީ އޭނާއަށް މަސައްކަތް ކުރުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް މަސްކަތުގެ މާހައުލުގައިވެސް އިތުރު ހިތްހަމަޖެހުން ތަކެއް ލިބިގެންދާނެ ކަމަށް ސައިފް ބުނެފައިވެ އެވެ.

ސައިފް ބުނީ މިދަތުރަކީ ހަމައެކަނި މަސައްކަތުގެ ދަތުރެއް ނޫން ކަމަށާއި މިދަތުރަކީ ކަރީނާއަށް ރަނގަޅު ޗުއްޓީއެއް ފުރިހަމަކޮށްލަން ލިބޭ ދަތުރަކަށް ވެސް ހަދަން ބޭނުންވާ ކަމަށެވެ.

"ޝެފް" އަކީ 2014 ވަނަ އަހަރު އުފެއްދި ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ޝެފް"ގެ ކޮޕީ އެކެވެ. ބޮލީވުޑުން މިފިލްމް ހަމަ އެނަމުގައި އުފެއްދުމަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހަމަޖެއްސުމުން ހޮލީވުޑްގެ ފިލްމް "ޝެފް" އުފެއްދި ޑައިރެކްޓަރު ޖޮން ފެވްރޫޒް ބުނީ އެއީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި ބޮލީވުޑްގެ ފިލްމު އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ ފިލްމަށް ވުރެ މޮޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުންޏެވެ.

ރާޖާ ކްރިޝްނާ މެނޮން ޑައިރެކްޓް ކުރާ ބޮލީވުޑްގެ ފިލްމް "ޝެފް" ތިއޭޓަރު ތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

ރާޖާ ކްރިޝްނާ ވަނީ ކަރީނާ ވިހަންވެގެން ސައިފް ޗުއްޓީއަކަށް އެދުމުން އޭނާ ބޭނުންވި ގޮތަށް ޗުއްޓީ ހަމަޖައްސައިދީފަ އެވެ. އަދި މިހާރު ރާޖާ ކްރިޝްނާ ދަނީ ފިލްމުގެ ޝޫޓިންގެ ބާކީ ނުނިމި ހުރި މަންޒަރުތައް ނެގުމަށް ވަގުތު ކަނޑައެޅުމުގައި ސައިފް އެދޭހެން ޝެޑިއުލް ހަމަޖައްސައި ދެމުންނެވެ. މިފަހަރު ޝޫޓިންއަށް ދާއިރު ސައިފް ބޭނުންވާނަމަ އޭނާގެ ދަރިފުޅާއި އަންހެނުން ގެންދިއުމަށް އެއްބާރުލުން ދޭނެ ކަމަށްވެސް ރާޖާ ކްރިިޝްނާ ވަނީ ބުނެފަ އެވެ.