2016 ވަނަ އަހަރު ނިމުމަކަށް އަންނަ އިރު މިއަހަރު އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ބޮލީވުޑްގެ ތަރިންގެ އަދަދެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ރާއްޖޭގެ ރީތި ހުދު ގޮނޑުދޮށްތަކާއި ނަލަ ނޫ މޫދާއި ކަނޑުތަކުގެ ހިތްގައިމުކަން ބަލައިލުމަށް ބޮލީވުޑްގެ އެންމެ ފުންނާބު އުސް ބައެއް ފަންނާނުން ވަނީ ރާއްޖެ އައިސްފަ އެވެ. އުފެދޭ ސުވާލަކީ، ޔޫރަޕުގެ ނަން މަޝްހޫރު މަންޒިލުތައް ދޫކޮށް ބޮލީވުޑްގެ ތަރިން ދިވެހިރާއްޖެއަށް އަންނަން މެދުވެރިވީ ކީއްވެބާ އެވެ؟ އަނެއްކާ މިއީ ރާވައިގެން ކުރިއަށް ދިޔަ ޕްރޮމޯޝަނަލް ސްޓަންޓެއް ބާއެވެ؟

ރާއްޖެއަށް ބޮލީވުޑް ތަރިންގެ ނަޒަރު އެންމެ ފުރަތަމަ ހުއްޓުނީ މިއަހަރު ޖުލައި މަހު ރާއްޖެ އައި ސޮނާކްޝީ ސިންހާ އާއެކު އެވެ. ބޮލީވުޑްގެ ބުރަ ޝެޑިއުލުން ދުރަށް ޖެހިލައި އަރާމުކޮށްލުމަށް ސޮނާކްޝީ އިޚްތިޔާރުކުރީ ރާއްޖޭގެ ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް ލަނޑާގިރާވަރެވެ. އެރިސޯޓުގެ ރީތި މަންޒަރުތަކާއި ޚާއްސަކޮށް އެރަށުގެ ރީތި ވިލުނޫ މޫދުގައި ސޮނާކްޝީ ނަގާފައިވާ ފޮޓޯތަކާއެކު އިންޑިޔާގެ އެތައް ބައެއްގެ ސަމާލުކަމަށް ރާއްޖެ އައެވެ.