އާ އަހަރަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބާއްވާ މޯލްޑިވްސް އެޓް ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލް ރޭ ފަށައިފި އެވެ.
މި ފެސްޓިވަލް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އެވެ.
އެމަނިކުފާނު މިފެސްޓިވަލް ފައްޓަވައި ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ގޮތުގައި މިހާރު ހަމަޖައްސާފައިވާ ހިލާލީގޭގައި ހުންނަވައިގެންނެވެ. ފެސްޓިވަލް ފައްޓަވައި ދެއްވުމަށް ފަހު ރައީސްޔާމީން ވަނީ އަލިމަސް ކާނިވަލަށް ވަޑައިގެން މިޝޯވ ބައްލަވާލައްވާފަ އެވެ.
އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރާއި، ސަރުކާރުގެ ބައެއް އިސް ބޭފުޅުނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެޑައިގެންނެވި އެވެ.
އަލިމަސްކާނިވާގައި ބޭއްވި މި ޝޯ ގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ މަޝްހޫރު އަދި ކުޅަދާނަ ފަންނާނުންގެ ހަރަކާތްތައް ވަނީ ފެނިގެން ގޮސްފައި ވެއެވެ.
މިޝޯގައި އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަރްމާން މާލިކްގެ ހާއްސަ އައިޓަމެއްވެސް ހުށައެޅި އެވެ. ކިންގް އޮފް ރޮމޭންޓިކް ސޯންގްސްގެ ގޮތުގައި އާއްމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އަރްމާން ވަނީ މިހާތަނަށް އިންޑިއާގެ 100 އަށްވުރެ ގިނަ ކޮމާޝަލް ފިލްމަށް ލަވަ ކިޔާދީފަ އެވެ. އަދި ބޮލީވުޑްގެ 16 ފީޗަރ ފިލްމަކަށްވެސް އޭނާ ލަވަ ކިޔައިދީފައިވެ އެވެ.
ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިފެސްޓިވަލް ފާއިތުވި ތިންއަހަރު ދުވަހު ވެސް ބާއްވާފައި އެވެ.
މީގެ އިތުރަށް ކާނިވާ ސަރަހައްދާއި ހުޅުލޭ އެއާޕޯޓުގައި ރޭ ވަނީ ހަވާ ވެސް އަރުވާފައިވެ އެވެ. ރޭ މެންދަމު 12 ޖެހި އިރު، ހަވާ އެރުވުމުގައި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ދިވެހި ސިފައިންނެވެ.