މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގެ ޕްރިމިއާ ކުރެވުނު ބައިވެރިޔާގެ އިތުރު ދެ ޝޯއެއް އަނެއްކާ ވެސް އޮލިމްޕަހުގައި އެޅުވުމަށް ނިންމައިފި އެވެ.

ވީނިއުސްއާ ވާހަކަ ދައްކަމަުން ބައިވެރިޔާގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މި މަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި އިތުރު ދެޝޯ އެއް އަޅުވަން މިހާރު ނިންމާފައިވާ ކަމަށެވެ.

" ޗުއްޓީ އަށް ރާއްޖެއިން ބޭރަށާއި އަތޮޅުތެރޭގެ ރަށްރަށަށް ދިޔަ މީހުން މިހާރު މާލެ އައިސް ރިކުއެސްޓް ކުރަމުންދާތީ އިތުރު ދެ ޝޯއެއް އަޅުވަން ނިންމީ،" ޝަފީގް ބުންޏެވެ.

ހެއްވާ މަޖާ ގިނަ ކަންތައްތަކެއް އެކުލެވިގެން އިސްމާއީލް ޝަފީގު އަދި ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު ޑައިރެކްޓްކޮށްފައިވާ ބައިވެރިޔާގެ ވަދާއީ ޝޯ ތަކުގެ ގޮތުގައި މިދިޔަ މަހުގެ 29 އަދި 30 ވަނަ ދުވަހުގެ ރޭ ވެސް އޮލިމްޕަހުގައި ޝޯތަކެއް ދައްކާފައިވެ އެވެ.

ޝަފީގު ބުނީ އަތޮޅުތެރޭގެ ވީހާވެސް ގިނަ ރަށެއްގައި ބައިވެރިޔާ ދެއްކުމަކީ އަމާޒެއް ކަމަށެވެ. އެހެންކަމުން ރަށްރަށުން ހުށަހެޅުންތައް ލިބޭ ގޮތަށް ބަލައި މި ފިލްމު ރަށްތަކުގައި ދައްކަމުންދާނެ ކަމަށްވެސް ޝަފީގު ބުންޏެވެ.

"މިހާރުވެސް ގިނަ ރަށްރަށަކުން އެ ރަށްރަށުގައި ބައިވެރިޔާ ދެއްކުމަށް ދަނީ ހުށަހަޅަމުން،" ޝަފީގު ބުންޏެވެ.

ގާތް ތިން ރަހުމަތްތެރިންގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ "ބައިވެރިޔާ"ގައި އެންމެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ދާދިފަހުން ފިލްމީ ދާއިރާއިން ފެނިގެންދިޔަ މަލީހާ ވަހީދާއި، މަޝްހޫރު އެކްޓަރު އަދި ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއުއާއި ޝީލާ ނަޖީބާއި، އަހްމަދު ސައީދުގެ އިތުރަށް ނާޝިދާ މުހައްމަދު (ނާއްކޮ)އާއި، އަހްމަދު އަޒުމީލް (އަޒޭ) އާއި މުހައްމަދު ފައިސަލް އެވެ. އަދި ހުސައިން ޝިބާއުގެ އިތުރަށް އަހްމަދު ސުނީވެސް މި ފިލުމުން ފެނިގެންދެ އެވެ.

މިހާތަނަށް ފިލްމު ބެލި ގިނަ ބަޔަކަށް ފިލްމު ކަމުދާކަމަށް ބުނެފައިވާއިރު، މިއީ މިހާތަނަށް އޮލިމްޕަހުން ބަލާލެވުނު އެންމެ ހިތްގައިމު އަދި އެންމެ މަޖާ ފިލްމުކަމަށް ބެލުންތެރިން ވަނީ ބުނެފަ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޝޫޓްކޮށް މަސައްކަތް ނިންމާފައިވާ ބައިވެރިޔާ ވެފައިވަނީ މިއަހަރު ފެނުނު ފިލްމުތަކުގެ ތެރެއިން ކާމިޔާބު ފިލްމަކަށެވެ.