ބޮލީވުޑްގައި މިއަހަރު ހިނގާނެ އެންމެ ބޮޑުކަމަކީ ކޮބައިކަން އެނގެން ބޭނުން ހެއްޔެވެ. ބޮލީވުޑްގައި ނުފޫޒު ގަދަ ދެ ނަން ކަމަށްވާ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އާއި މަޝްހޫރު ފިލްމީ ތަރި ސަލްމާން ހާން އެކުގައި ފިލްމެއް އުފެއްދުމަށް ނިންމައިފި އެވެ. މި ދެމީހުން އެކުގައި ފުރަތަމަ ފަހަރަށް އުފައްދަން ނިންމި މިފިލްމުގެ ތަރިއަކަށް މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރް ނޫން މީހަކު ނަގަން ވެސް އެމީހުން ބޭނުމެއް ނުވި އެވެ.

ސަލްމާނާއި ކަރަން އެކުގައި އުފައްދާ ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއް ކަމަށްވާ އަނޫރާގް ސިންހް އެވެ. އަނޫރާގް އެންމެ ފުރަތަމަ މަޝްހޫރު ކަމެއް ހޯދާފައިވަނީ 1984 ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި ފިލްމެއް ކަމަށްވާ "ޕަންޖާބް" އިންނެވެ.

ސަލްމާން އާއި ކަރަން އެކުގައި އުފެއްދުމަށް ހަމަޖެހިފައިމިވާ ފިލްމުގެ މަސައްކަތްތަށް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އިރު ބެލުންތެރިންނާއި ހަމައަށް މިފިލްމު އައުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރު އެވެ.

ސަލްމާން ބުނި ގޮތުގައި މިއީ މިއަހަރު ފެށުމުގެ ގޮތުން އޭނާގެ ސަޕޯޓަރުންނަށް އޭނާގެ ފަރާތުން ދެވޭނެ އުފާވެރި ހަބަރެވެ. އަދި މިކަމާއި ގުޅިގެން އަކްޝޭ ބުނީ މިއީ ކަރަންގެ ފިލްމުކަމުން އޭނާއަށް ފުރުސަތު ލިބޭ ފުރަތަމަ ފަހަރު ކަމަށްވާތީ އެކަމާ ވަރަށް އުފާވާ ކަމަށެވެ.

ކަރަން މި ފިލްމާ ގުޅޭ ގޮތުން އެންމެ ފަހުން ބުނީ މިހާރު އޭނާ އެންމެ އިންތިޒާރު ކުރަމުންދާ ދުވަހަކީ މިފިލްމުގެ މަސައްކަތް ފެށޭނެ ދުވަސް ކަމަށެވެ.

ކަރަން ޓީވީގައި ހުށަހަޅައިދޭ ޝޯ ތަކާއި އަދި ރިއަލިޓީ ޝޯތަކުގައި ފަނޑިޔާރެއްގެ ރޯލު އަދާކުރުމުގެ އިތުރުން އޭނާއަކީ ފިލްުމުތައް އުފެއްދުމުގައި ކާމިޔާބު މީހެކެވެ. ކަރަންގެ މަސައްކަތުން އޭނާގެ ބައްޕަގެ ކުންފުްޏެއް ކަމަށްވާ ދަރްމަ ޕްރޮޑަކްޝަން ވެސް މިހާރު ވަނީ މުޅި އިންޑިއާގައި ވެސް އެންމެ ކުރިއަރާފައިވާ ޕްރޮޑަކްޝަން ހައުސްއަށް ހަދާފަ އެވެ.

ކަރަން ޖޯހަރް އެންމެ ފުރަތަމަ ޑައިރެކްޓު ކުރި ފިލްމަކީ 1998 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް އައިސްފައިވާ ހިންދީ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އެވެ. މިފިލްމުގައި ސަލްމާންގެ ރޯލެއްވެސް ފެނިގެން ގޮސްފައިވެ އެވެ. މިފިލްމަށް ވެސް ވަނީ ވަރަށް ގިނަބައެއްގެ ތަރުހީބު ލިބިފަ އެވެ.

ސަލްމާން ހާން އަކީ އެތައް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މާޝްހޫރު ފިލްމީ ތަރިއެއް ނަމަވެސް އޭނާ އެންމެ ފުރަތަމަ އުފެއްދި ފިލްމަކީ 2011 ވަނަ އަހަރު ނެރުނު ކޮމެޑީ ފިލްމްު "ޗިލަރ ޕާޓި" އެވެ. އޭގެ ފަހުންވެސް ބައެއް ފިލްމުތައް ސަލްމާން އުފެއްދި ނަމަވެސް އޭނާއަށް މިފަހުން އެންމެ ބޮޑު ތަރުހީބެއް ލިބުނީ ސަލްމާން ޕްރޮޑިއުސްކުރި ފިލްމު ބަޖްރަންގީ ބައިޖާނުންނެވެ.