އަހަރެއްގެ މައްޗަށް 20 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުން ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމްކޮށްފިކަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
މީރާއިން ނެރެފައިވާ ޓެކްސް ރޫލިންގައިވާގޮތުން، ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މައްޗަށް ލިބޭ ޖުމުލަ އާމްދަނީ 20 މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުން، 1 ޖަނަވަރީ 2017 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ އާއްމު ދާއިރާތަކުގެ ޖީއެސްޓީ ބަޔާން ހުށަހަޅަން ލާޒިމުވާނީ މީރާގެ އޮންލައިން ޕޯޓަލް ކަމުގައިވާ 'މީރާކަނެކްޓް' މެދުވެރިކޮށެވެ.
އަދި މި ފަރާތްތަކުން 1 ޖަނަވަރީ 2017 ގެ ފަހުން ފެށޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ ޖީއެސްޓީ ބަޔާންތަކާއެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހެޅުން ލާޒިމުވާނެ ކަމުގައިވެސް މީރާއިން މައުލޫމާތު ދެއެވެ.
ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމަކީ މިހާރުވެސް ލާޒިމު ކަމެއް ކަމަށްވެސް މީރާއިން މައުލޫމާތު ދެއްވައެވެ.