އިނގިރޭސި މަޝްހޫރު ޕޮޕް ލަވަކިޔުން ތެރިޔާ ޖޯޖް މައިކަލްގެ އާލަވައެއް ލީކް ކޮށްލައިފި އެވެ.

ޖޯޖް މައިކަލް މިދިޔަ ހަފްތާގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވެފައިވާއިރު ލީކް ކޮށްލާފައިވަނީ އޭނާގެ މުޅިން އާ ލަވަ އެއް ކަމަށްވާ "ދިސް ކައިންޑް އޮފް ލަވް"ގެ ނަން ދީފައިވާ ލަވަ އެކެވެ.

ޖޯޖް މައިކަލް ލިޔެ އަދި އޭނާ ކިޔާފައިވާ މިލަވަޔަކީ މިހާތަނަށް އަދި އެއްވެސް ފަރާތަކަށް އާންމުކޮށް އިވިފައިފައިވާ ލަވައެއް ނޫނެވެ. މިލަވަ ލީކް ކޮށްލާފައިވަނީ ޓްވިޓާގަ އެވެ.

މި ލަވަ ލީކް ކޮށްލާފައިވަނީ ޖޯޖް މައިކަލްގެ ގާތް މީހެކެވެ. އޭނާ މިގޮތަށް އަމަލުކުރި ސަބަބެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެއީ މައިކަލް މަރުވުމުން އޭނާއަށް ލިބުނު ހިތާމައާއި ގުޅިގެން ކުރި ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.

ޖޯޖް މައިކަލްގެ ލަވަ ތަކަކީ މިހާރުވެސް ވަރަށް ގިނަ ބަޔަކަށް ކަމުދާ ލަވަތަކެކެވެ. މީގެތެރޭގައި އާންމުންނަށް އެ ލަވައެއްގެ މަތިން އަބަދުވެސް ހަނދާނުން ފުހެލަން އުނދަގޫ "ކެއާލަސް ވިސްޕާޒް"ގެ އިތުރުން "ފާދާ ފިގާ" އަދި "ވަން މޯ ޓްރައި" ފަދަ ލަވަ ތަކަކީ މުޅި ދުނިޔޭގައި މަޝްހޫރުވެގެން ދިޔަ ލަވަތަކެކެވެ.

މައިކަލްގެ އަލްބަމްތަކުގެ 100 މިލިއަނަށް ވުރެ ގިނަ ކޮޕީ ވަނީ ވިކިފަ އެވެ. މީގެ އިތުރުން އޭނާއަށް ލިބުނު އެހެން ކާމިޔާބީތަކުގެ ތެރޭގައި ޝަރަފްވެރި ގްރެމީ އެވޯޑްސް ދެ ފަހަރު ލިބުމާއި އެމެރިކަން މިއުޒިކް އެވޯޑްސް ތިން ފަހަރެއްގެ މަތިން ލިބިފައިވެ އެވެ.

ޖޯޖް މައިކަލް މަރުވެފައިވަނީ އަންނަ އަހަރު އޭނާ އާއި ގުޅޭގޮތުން ތައްޔާރުކުރާ ޑޮކިއުމަންޓްރީއެއް ނެރުމަށް ހަމަޖެހިފައި ވަނިކޮށެވެ. އެއީ އޭނާއާ މަސްތުވާތަކެއްޗާއި ގުޅުންވާ ކަމަށް ނޫސް ތަކުގައި ދައްކަމުން ދިޔާ ވާހަކަތަކާއި ގުޅޭގޮތުން ނެރުމަށް ހަމަޖެހިފަވާ ޑޮކިއުމެންޓްރީއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.