ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ބިޕާޝާ ބާސޫ އޭނާގެ ފިރިމީހާ ކަރަން ސިންހް ގްރޯވަ ދެކެ ވަރަށް ލޯބިވާ ކަމަަށް ފުރަތަމަ ފަހަރަށް ފާޅުގައި ބުނެފި އެވެ.

އިންޑިއާާގެ މަޝްހޫރު ނޫހެއް ކަމަށްވާ އިންޑިއާ ޓައިމްސްގައި ބިޕާޝާ ބުނެފައިވަނީ ކަރަން ދެކެ އޭނާ ވާލޯބި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރު ވަމުން ކަމަށެވެ.

ބިޕާޝާ ކަރަން ދެކެ ލޯބިވާ ކަމަށް ފާޅުގައި ބުނެފައިވަނީ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯތަކެއްގަ އެވެ.

ބިޕާޝާއާއި ކަރަން އާ އަހަރު ފެށުމުގެ އުފާ ފާޅުކޮށްފައިވަނީ ސިޑްނީގަ އެވެ. އަދި ސިޑްނީގެ އެކިއެކި ތަންތަނުގައި ބިޕާާޝާ އާއި ކަރަންގެ ދެމަފިރިން އެކިއެކި ފޮޓޯތައް ނަގާފައިވެ އެވެ. އަދި މިފޮޓޯތައް އިންސްޓަގްރާމްގައި އާންމުކޮށްފައިވެސް ދަނީ ގަވައިދުން އާންމުކުރަމުންނެވެ.

ކަރަން ސިންހް ގްރޯވާ އަކީ އިންޑިއާގައި ކުރިއަރަމުން އަންނަ ފިލްމީ ތަރިއެއްގެ އިތުރުން ވަރަށް މަޝްހޫރު މޮޑެލެކެވެ. ކަރަން ވަނީ އިންޑިއާގެ ޓީވީތަކުން ގެންނަ ވަރަށް ގިނަ ހިންދީ ޓީވީ ސީރީޒްތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފަ އެވެ. ނަމަވެސް ކަރަން ބޮޑަށް އާންމުންގެ މެދުގައި މަޝްހޫރުވެފައިވަނީ އޭނާ ކުޅުނު ޓީވީ ސީރީޒްތައް ކަމަށްވާ "ދިލް މިލް ގައީ" އާއި "ގުބޫލް ހޭ" އިންނެވެ. ކަރަން ވަނީ ބިޕާޝާ އާއި ކައިވެނި ކުރުމުގެ ކުރިން އިތުރު ދެކައިވެންޏެއްވެސް ކޮށްފަ އެވެ.

ބިޕާޝާ ބާސޫ އަކީ ބޮލީވުޑްގެ ފިލްމީ ދާއިރާގައި އެންމެ ފުންނާބު އުސްތަރިންގެ ލިސްޓުަގައި ހިމަނާލެވޭ ތަރިއެކެވެ. ފިލްމު ކުޅުމުގެ އިތުރުން ބިޕާޝާ އަކީ މޮޑެލެކެވެ.

ހިންދީ ފިލްމުގެ އިތުރުން ބިޕާޝާ ވަނީ ތަމަޅަ ފިލްމާއި ޓެލުގޫ ފިލްމާއި ބާންގާޅީ ފިލްމުވެސް ކުޅެފަ އެވެ. އަދި އިނގިރޭސި ބަހުން އުފައްދާފައިވާ ފިލްމުވެސް ބިޕާޝާ ވަނީ ކުޅެފަ އެވެ. އަދި ހިންދީ ފިލްމު ފެއާ އެވޯޑްތަކުން އެތައް ކާމިޔާބީއެއް ބިޕާޝާ ހޯދާފައިވާއިރު އާންމުންގެ ތެރޭގައި އޭނާ މަޝްހޫރު ކަމެއް ހޯދާފައިވަނީ އޭނާ ލީޑް ރޯލު ކުޅުނު ބޮލީވުޑްގެ ބިރުވެރި ފިލްމެއް ކަމަށްވާ ރާޒް އިންނެވެ. ބިޕާޝާ ކަރަން އާއި ކައިވެނި ކުރުމުގެ ކުރިންވަނީ މަޝްހޫރު ހިންދީ ފިލްމީ ތަރި އަދި މޮޑެލް ޖޯން އަބްރަހަމްއާއި ލޯބީގެ ގޮތުން ގުޅިފަ އެވެ.

ބިޕާޝާ އާއި ކަރަން ކައިވެނި ކޮށްފައިވަނީ މިނިމުނު އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ.