އޮންލައިންކޮށް ފައިސާ ދެއްކުމުން މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން ފަސޭހަކަމާ އެކު ޑޮލަރު ދޫކުރެވޭނެ އާ ނިޒާމެއް ގާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލަށް މި ގެނެވުނު ބަދަލާއެކު ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ވިއްކާ ޑޮލަރު ގަތުމަށް ބޭނުންވާ މީހުންނަށް މިހާރު އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. ޕޯޓަލަށް ވަނުމަށްފަހު ދަތުރުކުރާ މީހާގެ މައުލޫމާތާއި ފްލައިޓްގެ މައުލޫމާތާއި ޕާސްޕޯޓް ނަމްބަރު ޖެހުމަށް ފަހު ޑެބިޓް ކާޑުން ފައިސާ ދެއްކުމާއެކު ބުކިން ހެދެ އެވެ. އަދި ފުރަން އެއާޕޯޓަށް ދިއުމަށްފަހު ޗެކިންވުމަށްފަހު ޑިޕާޗާ ޓާމިނަލްގެ ގޭޓް ހަތަރެއްގެ ކުރިމަތީގައި ހުންނަ ބީއެމްއެލްގެ ކައުންޓަރަށް ދިއުމުން ޑޮލަރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލް އިން ބުނީ ކޮންމެ ދަތުރުވެރިޔަކަށް ގިނަވެގެން ފައިސާ ދެއްކޭނީ 500 ޑޮލާރާ ހަމައަށެވެ. އެއާޕޯޓަށް ގޮސް ފުރުމަށް ޗެކިން ވުމަށްފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ދޫކުރުމަށް ހާއްސަކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ލިބޭނެ ކަމަށްވެސް ބުނެ އެވެ. އޮ

ބީއެމްއެލް އިން ބުނީ އޮންލައިންކޮށް ބުކިން ނުހެދޭ މީހުންނަށް އެއާޕޯޓުން ޑޮލަރު ލިބޭ ގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓަކުން ދަތުރުކުރާ ނަމަ، އެއާޕޯޓާ އެންމެ ކައިރި ބީއެމްއެލްގެ ބްރާންޗަކަށް ދިއުމުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ޑޮލަރު ވިއްކާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް މިމަހުގެ އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހުވެސް އެމްއެމްއޭ އިން ޑޮލަރު ވިއްކާނެ ކަމަށް އެމްއެމްއޭ އިން މިއަދު ވަނީ ބުނެފަ އެވެ.