ޕެންޝަން ފަންޑު ހިންގުމަށް ނަގަމުންދިޔަ އިދާރީ ފީގެ އަދަދު މިއަހަރުން ފެށިގެން ކުޑަކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ފަރާތުން މިއަދު މިކަން ހާމަކުރީ ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވި ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު އެވެ.
ޕެންޝަން ފަންޑުގެ އިދާރީ ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ ފަންޑުގައި ބައިވެރިވެފައިވާ މީހުން ފަންޑަށް ޖަމާކޮށްފައިވާ އެއް އަހަރު ދުވަހުގެ ފައިސާ އިން 0.9 ޕަސެންޓެވެ.
މަނިކު މިއަދު ވިދާޅުވީ އެ އަދަދު ކުޑަކޮށް މިި އަހަރުން ފެށިގެން އިދާރީ ފީގެ ގޮތުގައި 0.8 ޕަސެންޓް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޕެންޝަން ފަންޑުގައި ބައިވެރިވާ މީހުން އަދަދު އިތުރުވާ ވަރަކުން ޕެންޝަން ފަންޑް ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކުރާނެ ކަމަށެވެ.
ޕެންޝަން ފަންޑު ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކުރި މިއީ ދެވަނަ ފަހަރެވެ. ޕެންޝަން ފަންޑުގެ އިދާރީ ފީގެ ގޮތުގައި އެންމެ ފުރަތަމަ ނަގާފައިވަނީ ފަންޑުގައި ބައިވެރިވެފައިވާ މީހުން ފަންޑަށް ޖަމާކޮށްފައިވާ އެއް އަހަރު ދުވަހުގެ ފައިސާ އިން އެއް ޕަސެންޓެވެ.
ޕެންޝަން ފަންޑުގެ ބައިވެރިންގެ އަތުން ނެގޭ އިދާރީ ފީއަކީ ޕެންޝަން އޮފީސް ހިންގުމަށާއި، ކަސްޓޯޑިއަންގެ ފީ އަށާއި، އަދި މި ސްކީމް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްގީ ގެނައުމަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ނަގަމުންދާ ފީއެކެވެ. މިފީއަކީ އަހަރަކު އެއްފަހަރު މުރާޖައާ ކުރަމުން އަންނަ ފީއަކަށް ވާތީ ކުރިއަށް އޮތް ތަނުގައިވެސް މިފީއަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ އެ ބަދަލެއް ގެންނާނެ ކަމަށް ޕެންޝަން އޮފީހުން ވެސް ބުނެ އެވެ.
ޕެންޝަން ފަންޑުގައި މިހާތަނަށް 127،000 މީހުން ތިބިއިރު ގަވާއިދުން ފަންޑަށް ފައިސާ ޖަމާކުރަނީ 87،000 މީހުންގެ ޕެންޝަން ފައިސާ ކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.