ޝަރުއީ މަރުހަލާގައި ދޫގަސްއާ ގުޅޭ މައްސަލައެއް އޮތްނަމަވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދޫގަސް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަން އެބައޮތް ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާ އާއި ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ ނާރާ ގޮތަށް ދޫގަސްގެ މައްސަލަ ނިންމަން ސަރުކާރާއި އެމްޕީއެލްއާއި ގުޅިގެން ބޭންކް އޮފް ސިލޯނާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެމްޕީއެލްއަށް ދޫގަސް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތަ ކަމަށްވެސް ވިދާޅުވި އެވެ.

ޖުނައިދު ވިދާޅުވީ އެމްޕީއެލް ިއން ދޫގަސް ނަގަނީ ޓޫރިޒަމްގެ ތެރެއަށް ވަނުމުގެ ބޭނުމުގައި ނޫން ކަަމަށެވެ. އެކުންފުނިން ދޫގަސް ނަގަނީ އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް އެހީތެރި ވުމަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޫގަސް މިނަގަނީ ފަހަރެއްގައިވެސް ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ ތެރެއަށް ވަންނާކަށެއް ނޫން. މިއީ ހަމަ އައްޑޫ އާއި ފުވައްމުލަކުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އެމީހުންނަށް ހޯދައި ދިނުމަށް ކުރާ ކަމެއް. މިކަމުގެ ސަބަބުން އައްޑޫގެ ޒުވާނުންނަށް ވަރަށް ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ،" އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތްވެސް ދެމުން އަންނަ އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޫގަސް ރަނގަޅަށް ހިނގާ އެތަނުން ރަނގަޅު އާމްދަނީއެއް ލިބުމަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. ނަމަވެސް މިހާރު އެތަން ވަރަށް ބޮޑަށް ބާވެފައިވާތީ ދޫގަސް އެމްޕީއެލްއަށް ލިބުމާއެކު އެތަން އިތުރަށް ތަަރައްގީކޮށް ހަވާލު ކުރާތާ ދެމަހެއްހާ ދުވަސް ތެރޭގައި އެތަނުގައި 200 އެނދުގެ ގެސްޓް ހައުސް އެއް ހިންގާނެ ކަމަށެވެ. އަދި އެތަނުގެ ޑިޒައިންވެސް މިހާރު ކުރަހާ ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.