މިދިޔަ ނޮވެމްބަރު މަސް ނިމިގެން ދިޔައިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 343.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ ޑިސެމްބަރު މަހުގެ އިގްތިސޯދީ ރިވިއުގެ ތަފާސްހިސާބު ތަކުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ރިޒާވްގައި ހުރި 343.5 މިލިއަން އެމެރިކާ ޑޮލަރަކީ މިދިޔަ އޮކްޓޫބަރު މަހާ އަޅާބަލާއިރު 197.9 މިލިއަން ޑޮލަރުގެ ދަށް އަދަދެކެވެ. މިދިޔަ އޮކްޓޫބަރު މަސް ނިމިގެން ދިޔައިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 543.1 މިލިއަން އެމެރިކާ ޑޮލަރެވެ.

މިދިޔަ ނޮވެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 110.6 މިލިއަން އެމެރިކާ ޑޮލަރެވެ. މަހުން މަހަށް ބަލާއިރު މިއީ 41 އިންސައްތަ ދަށް އަދަދެކެެވެ. އަދި އަހަރުން އަހަރަށް ބަލާއިރު ވެސް މިއީ 46 އިންސައްތަ ދަށް އަދަދެކެވެ.

އެމްއެމްއޭ އިން ބުނީ ރިޒާވުގެ މިންވަރު ދަށަށް ދަށަށް ދިޔަ މައިގަނޑު ސަބަބަކީ މިމުއްދަތުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ވިއްކާފައިވާ 140 މިލިއަން އެމެރިކާ ޑޮލަރުގެ ކޯޕަރޭޓް ބޮންޑެއްގައި އެމްއެމްއޭ އިން އިންވެސްޓްކުރުމުން ކަމަށެވެ. މިބޮންޑަކީ ރާއްޖޭގެ މާކެޓަށް ވިއްކާފައިވާ ބޭރު ފައިސާގެ ބޮންޑަކަށް ވާތީވެ އެމްއެމްއޭގެ ޔޫޒަބަލް ރިޒާވްގައި މިއަދަދު ހިމެނިފައި ނުވާ ކަަމަށްވެސް ބުނެ އެވެ.

"ނަމަވެސް އެމްއެމްއޭގެ ބޭރު ފައިސާގެ އެސެޓްސް ތެރޭގައި ހިމެނެ އެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން އިންވެސްޓްކޮށްފައިވާ 140 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް އެމްއެމްއޭގެ ރިވިއުގައި ހާމަކޮށްފައި ނުވި ނަމަވެސް އިންވެސްޓް ކުރީ ޖީއެމްއާރްއަށް ބަދަލުގެ ގޮތުގައި ދައްކަންޖެހުނު ފައިސާ ދައްކާ ހަލާސްކުރުމަށް އެމްއޭސީއެލްއަށް ވިއްކި ބޮންޑެއްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރު ކުންފުންޏާ އެކު ހަދާފައި އޮތް އެއްބަސްވުން 2012 ވަަނަ އަހަރުގެ ތެރޭގައި އުވާލުމުން ޖީއެމްއާރްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ނުވަތަ 4.1 ބިލިއަން ރުފިޔާ ދައްކަން މިމައްސަލަ ބެލި ސިންގަޕޫރުގެ އާބިޓްރޭޝަނުން އަމުރުކޮށްފައިވެ އެވެ.