ރަންދިހަ ފަހަކަށް ބަދަލު ނުކޮށް މިދިޔަ އަހަރުގެ ނިޔަލަށް ހުރި، ކުރީގެ ނޫޓުތަކުގެ 182 މިލިއަން ރުފިޔާ އަދިވެސް އެމްއެމްއޭއަށް ލިބިފައި ނުވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބެއިރު ވިދާޅުވީ ކުރީގެ ނޫޓުތަކުގެ ތެރެއިން ބަދަލު ނުކޮށް ހުރީ 6.3 ޕަސެންޓް ނޫޓް ކަމަށާއި އެއީ ގާތްގަނޑަކަށް 182 މިލިއަން ރުފިޔާގެ ނޫޓް ކަމަށެވެ.
މަންސޫރު ވިދާޅުވީ ކުރީގެ ނޫޓްތައް ބޭންކުތަކުން މިހާރު ބަދަލުކޮށް ނުދިން ނަމަވެސް އެމްއެމްއޭއިން އަދިވެސް އެފަދަ ނޫޓުތައް ބަދަލުކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްއޭއިން ކުރިން ވެސް އިއުލާން ކޮށްފައިވާ ގޮތަށް 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކުރީގެ ނޫޓުތައް އެމްއެމްއޭއަށް ގެނައުމުން ބަދަލުކޮށްދޭނެ ކަމަށެވެ.
މަންސޫރު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ދައުރު ނުވާ ފައިސާގެ ޖުމްލަ އަދަދަކީ 2.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރީގެ ނޫޓް ތަކުގެ ތެރެއިން އެ ބޭންކަށް ނެގިފައިވަނީ ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ނޫޓް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ކުރީގެ ނޫޓުގެ 93 ޕަސެންޓް މިހާރު އެމްއެމްއޭއަށް ނެގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނޭ ނޫޓްތައް އިގްތިސޯދުގައި ދައުރުކުރަން ފެށި ފަހުން ކުރީގެ ނޫޓްތައް އޭޓީއެމް މެދުވެރިކޮށް ޖަމާކުރުމުގެ ސުންގަޑި މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
ރަންދިހަފަހެއްގެ އާ ނޫޓް ސީރީޒް ރަސްމީކޮށް ވިޔަފާރީގެ ބޭނުމަށް، ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
ދިވެހިންގެ ސަގާފަތާއި އާދަކާދައާއި ކަނޑުތަކުގެ ދިރުންތައް ހިމެނޭ ގޮތަށް ރީތި ކުރެހުންތަކާއި އެކު ތައާރަފް ކޮށްފައިވާ އާ ނޫޓް ސީރީސްގައި ހިމެނެނީ 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ އަދި އަލަށް ތައާރަފްކުރި 1000 ރުފިޔާ އެވެ. އަދި ކުރިން ފަސް ރުފިޔާ ފައިސާ ފޮއްޗެއް ތައާރަފްކުރަން ނިންމާފައިވީ ނަމަވެސް މިހާރު ނިންމާފައިވަނީ ފަސް ރުފިޔާގެ އާ ނޫޓެއް ހެދުމަށެވެ.