އުރީދޫ މޯލްޑިވްސް އިން މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އެޅުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު މިއަދު ނިންމާލައިފި އެވެ.
ޖުމްލަ 25 މިލިއަން ޑޮލަރު ނުވަތަ 384 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މިމަޝްރޫއު އަމަލީ ގޮތުން ފެށީ މިިދިޔަ މަހުގެ އަށްވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫގެ ލޭންޑިން ސްޓޭޝަނާ ކޭބަލް ގުޅާލައިގެންނެވެ.
އުރީދޫން ބުނީ ސަބްމެރިން ކޭބަލް ގުޅުވާލަން ހިތަދޫގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި، ގދ. ތިނަދޫ އާއި، މ. ކޮޅުފުއްޓާއި، ބ. އޭދަފުށި އަދި ހުޅުމާލޭގައި ހަދާފައިވާ ލޭންޑިން ސްޓޭޝަންތައް މިހާރު ގުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ގައުމެއްގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. ޑިޖިޓަލް ގައުމަކަށް ބޭނުންވާ ވަރުގަދަ ޒަމާނީ އިންފްރާސްޓްރަކްޗައެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން އަހަމިއްޔަތުކަން ދީފައިވާ ކަމަށާއި އެ ތަސައްވުރަށް އެއްބާރުލުން ދިނުމަކީ އުރީދޫ އަށް ލިބޭ ފަހުރެއް ކަމަށްވެސް ވިދާޅުވި އެވެ.
"ނޭޝަންވައިޑް ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރި އަށް ގެންދިއުމުގައި އަޅުގަނޑުމެންނަށް އެހީތެރިވެ، އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ސިންހަ ވިދާޅުވި އެވެ.