ބޮލީވުޑްކެ މަޝްހޫރު ފިލްމީ ތަރިންގެ މެދުގައި އެކިކަހަލަ ކޯޅުންތަކާއި ހަމަނުޖެހުންތައް ހިނގުމަކީ އަބަދުވެސް ހިނގަމުންދާ ކަމެކެވެ. އެފަދަ ކަމެއް މިފަހަރު ދިމާވެފައި މިވަނީ ބޮލީވުޑްގެ އުއްމީދީ ތަރިންގެ ލިސްޓުގައި ހިމެނޭ ރަންބީރު ކަޕޫރާއި އަދިތްޔާ ރޯއީ ކަޕޫރާއި އަދި ކެތުރީނާ ކައިފް އަށެވެ. ކެތުރީނާއާއި އަދިތްޔާގެ ރަހުމަތްތެރިކަން މާބޮޑަށް ވަރުގަދަވުމުން ކެތުރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރަށް މާބޮޑަށް އުނދަގޫވީ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ބޮލީވުޑް ލައިފްގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ކެތުރީނާއާއި އަދިތްޔާގެ ރަހުމަތްތެރިކަން މާބޮޑަށް ބަދަހިވަމުންދާ މަންޒަރު ފެންނަން ފެށުމުން ރަންބީރަށް އުނދަގޫވަމުންދާ ކަން އޭނާގެ އަމަލުތަކުން އިނގޭ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރަންބީރަށް މާޔޫސްކަން ލިބެމުންދާ ކަމަށްވެސް ބުނެ އެެވެ. އެހެންކަމުން ކެތުރީނާއާއި އަދިތްޔާގެ މެދުގައި ދޮންވެ ފައްކާވަމުންދާ ރަހުމަތްތެރިކަމަކީ ރަންބީރަށް މާ ކަމުދާ ގުޅުމަކަށް ނުވާ ކަމަށްވެސްވެ އެވެ.
ބޮލީވުޑް ލައިފްގައި ބުނެފައިވަނީ ފަހަކަށް އައިސް ކެތުރީނާ އާއި އަދިތްޔާ މާބޮޑަށް އެކުގައި އުޅުމާއި އަދި މީގެ އިތުރުން މިދެތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ފެނުމުން ރަންބީރު އެކަމާ ހިތްހަމަނުޖެހިގެން އުޅޭ ކަމަށެވެ. އަދި ދާދިފަހުން ރަންބީރުގެ ގޭގައި ބޭއްވުނު ޕާޓީއަކަށް އަދިތްޔާއަށް ދައުވަތު ދިނުމުން އެގެއަށް ނުގޮސް އަދިތްޔާ ވަގުތުތައް ހޭދަކުރީ ކެތްރީނާއާއި އެކުގައި ކަމަށް ވެސް ނޫހުގައިވެ އެވެ.
މީގެ އިތުރުން ރަންބީރް އާއި އަދިތްޔާ އަބަދުވެސް ފުޓުބޯޅަ ޕްރެކްޓިސްއަށް ދަނީ އެކުގައި ކަމަށާއި ނަމަވެސް ރަންބީރްއާއި އެކު އަދިތްޔާ މިހާރު ނުދާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ. އެހެންކަމުން ކެތުރީނާގެ ސަބަބުން ވަރަށް ގާތްކޮށް އުޅުނު ދެ ރަހްމަތްތެރިންގެ ގުޅުމަށް ބުރޫއަރަމުންދާ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ތުހުމަތުކުރާ ގޮތުގައި ކެތުރީނާ އާއި އަދިތްޔާގެ ދެމެދުގައި މިހާރު އޮތީ ރައްޓެހިކަމަކަށް ވުރެ މާވަރުގަދަ ގުޅުމެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއީ ލޯބީގެ ގުޅުމެކެވެ. ނަމަވެސް ކެތުރީނާވެސް އަދި އަދިތްޔާވެސް ނޫސްތަކުން ކުރާ ތުހުމަތުތަކަށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.