ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އަކީ އޭނާގެ އުޅުމެއް ނެތް އަމަލުތަކާއި ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކުގެ ސަބަބުން އަބަދުވެސް ނޫސްތަކުން ޖާގަ ހޯދާ ފަންނާނެކެވެ. ޝޯޝަލް މީޑިއާގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް ކަމުނުދާ ކަމަށްވެސް ބުނެ ވެސް ބީބާ ދާދިފަހުން ވަނީ ވާހަކަތަކެއް ދައްކާފަ އެވެ.

ބީބާ ދެކޭ ގޮތުގައި އިންސްޓަގްރާމް އަކީ އެއްވެސް އުޅުމެއް ނެތް ވިޔާނުދާ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. މިސަބަބާ ހެދި އިންސްޓަގްރާމް ދެކެ ބީބާ މާބޮޑަށް ފޫހިވެ ދާދަިފަހުން ބީބާ ވަނީ އޭނާގެ އިންސްޓަގްރާމްގެ އެކައުންޓް ވެސް ފުހެލާފަ އެވެ. ބީބާގެ އިންސްޓަގްރާމް އެކައުންޓް އޭނާ ކުއްލިއަކަށް ފުހެލީ އެކަން ނުކުރުމަށް އޭނާގެ ސަޕޯޓަރުން ތަކުރާރުކޮށް އެދެމުން ދަނިކޮށެވެ.

ބީބާގެ އިންސްޓަގްރާމް އެކައުންޓް ފުހުލީ ކަމަށް ބުނިތާ މާގިނަ ދުވަހެއް ނުވެ އަނެއްކާވެސް އޭނާ މިވަނީ އިންސްޓަގްރާމްގައި އާ އެކައުންޓެއް ހުޅުވާފައެވެ. މި އެކައުންޓުން މީގެ ދެ ދުވަސްކުރިން ފުރަތަމަ ޕޯސްޓް ކޮށްފައިވާއިރު މިހާރުވެސް 50،000 އަށް ވުރެ ގިނަ މީހުން ވަނީ އިންސްޓަގްރާމުން ބީބާ ފޮލޯ ކޮށްފަ އެވެ.

ބީބާ އަލުން އިންސްޓްގަރާމް ބޭނުންކުރަން ފެށުމުން އޭނާގެ ސަޕޯޓަރުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ. ނަމަވެސް ބީބާގެ ވިޔާނުދާ އަމަލުތަކާއި ގުޅިގެން އޭނާދެކެ ފޫހިވާ މީހުން ބުނެފައިވަނީ ގޮތުގައި ބީބާ އަމަލު އެކުރީ ކުރިން ވެސް އޭނާ ކަންކުރާނެ ކަމަށް ވިސްނިފައި އޮތް ގޮތަށް ކަމަށެވެ.

ބީބާއަށް މިއުޒިކުގެ ތެރެއަށް ނިކުމެވުނީ އޭނާ އަމިއްލައަށް ތައްޔާރު ކޮށްފައިވާ ލަވަތަކެއް ޔޫޓިއުބަށް އަޕްލޯޑްކުރުމާއެކު އެ ވީޑިއޯތައް އާންމުވުމާ ހިސާބުންނެެވެ. އެކަމަކު ބީބާ އަކީ ކާކުކަން މީހުންނަށް އެނގި ގިނަ ބަޔަކު ފާރަލާ މަޝްހޫރު ފަންނާނަކަށް އޭނާ ވެގެން ދިޔައީ ބީބާގެ ފުރަތަމަ އަލްބަމް 2009 ވަނަ އަހަރު ރިލީޒް ވުމުންނެވެ. ބީބާ އަކީ އުޅުން ގޯސް ފަންނާނެއްގެ ގޮތަށް ލޭބަލް ކުރެވިފައިވީ ނަމަވެސް އޭނާގެ ފުރަތަމަ އަލްބަމްގެ ހަތް ލަވައެއް ވަރު ދުނިޔޭގެ އެންމެ މަޝްހޫރު މިއުޒިކް ޗާޓްތަކުގެ އެންމެ ކުރީގައި ދުވަސްތަކެއް ވަންދެން ހިފަހައްޓާލި އެވެ. މިއީ އާންމުކޮށް އަލަށް ތައާރަފްވާ ފަންނާކަށް ލިބޭ ފުރުސަތެއް ނޫނެވެ.

ބީބާ އިންސްޓަގްރާމްގައި ކުރިން ބޭނުންކުރި އެކައުންޓް ފޮހެލި ސަބަބު ބުނެފައި ނުވި ނަމަވެސް ބީބާގެ ކުރީގެ ލޯބިވެރިޔާ ސެލީނާ ގޯމޭޒްއާ ދެމީހުން އިންސްޓަގްރާމްގައި އެކަކު އަނެކަކަށް ވަރުގަދަ ހަނގުރާމައެއް އެދުވަސްވަރު ކޮށްފައިވެ އެވެ. ބީބާގެ އިންސްޓަގްރާމް އެކައުންޓް ފުހެލީ މި ހަނގުރާމައިގައި އޭނާއަށް ކާމިޔާބު ލިބެން ނެތުމުން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ބީބާ އަލުން އިންސްޓަގްރާމް ބޭނުންކުރަން ފެށި ނަމަވެސް މިކަމާ ގުޅިގެން ބީބާ ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ.