ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް އަނެއްކާވެސް ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކަން ހުޅުވާލީ 101،954.33 އަކަފޫޓުގެ ބިމެވެ. އަދި މި ބިންތައް ވިއްކަން ނިންމާފައިވަނީ އެންމެ ލަގްޒަރީ އޭރިއާ ކަމަށްވާ ބީޗް ފްރަންޓް އޭރިއާއިންނެވެ.
އެޗްޑީސީން ބުނީ ވިއްކާ ބިންތަކުގެ ތެރެއިން ކޮންމެ މީހަކަށްވެސް ގަނެވޭނީ އެންމެ ބިމެއް ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ގަންނަން ހުށަހެޅޭނީ 2000 އަކަފޫޓާއި 6000 އަކަފޫޓާއި ދެމެދުގެ ބިމެއް ކަމަށްވެސް ބުނެ އެވެ. އަދި ކޮންމެ އަކަފޫޓެއް ވިއްކަން ހަމަޖެހިފައިވަނީ 3000 ރުފިޔާގެ ރޭޓުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ބީޗް ފްރަންޓް އޭރިއާ އަކީ އެންމެ ލަގްޒަރީ އޭރިއާ ކަމަށް ވާތީ އެސަރަހައްދުން ވިއްކާ ބިންތައް އަގުހެޔޮ ނުވާނެ ކަމަށެވެ.
ސައިމަން ވިދާޅުވީ މީގެ ކުރިން ފުރަތަމަ ފިޔަވަހީގައި ބިންތައް ދޫކުރި އިރު އާންމުން ހުށަހަޅާފައިވާ ހިޔާލުތަކަށް ބިނާކޮށް ކުދިކުދި ބަދަލުތައް މިފަހަރު ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން މިފަހަރު ބިޑް ކުރާ ބިންތަކުގެ އަގުގެ އިތުރުން ބިންތަކުގެ ސައިޒްވެސް ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ކޮންމެ ފަރާތަކަށް ވެސް ދެވިދާނެ ދެހާސް އަކަފޫޓުން ފެށިގެން ހަހާސް އަކަފޫޓާ ދެމެދުގެ ސައިޒުގެ ބިން. ފަހަރަކު އިތުރުކުރެވޭނީ އެއް ހާހުން،" އޭނާ ވިދާޅުވި އެވެ.
ބިން ވިއްކުމަށް ހުޅުވާލުމުގެ ކުރިން ބޭންކުތަކާއި މަޝްވަރާ ކޮށް ހުރިހާ މައުލޫމާތެއް ހިއްސާ ކޮށްފައިވާނެ ކަމަށްވެސް ސައިމަން ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ ދެވަނަ ފިޔަވަހިން ބިން ގަންނަން ޝައުގުވެރިވާ ބޭފުޅުން އެކަމަށް އެދި ރަޖިސްޓްރީކުރުމަށް އަންނަ ފެބްރުއަރީ އެއްވަނަ ދުވަހު ހޮޓެލް ޖެންގެ ބޯލް ރޫމްގައި ހާއްސަ ޑެސްކެއް ގާއިމުކޮށް ފޯމް ހުށަހަޅަން ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ބީލަން ހުޅުވުން ފެބްރުއަރީ ހަވަނަ ދުވަހު ހޮޓެލް ޖެންގައި ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެ އެވެ.
ހުޅުމާލޭގެ ދެނަވަ ފިޔަވަހީގައި ހިއްކާފައިވާ ބިމުގެ ތެރެއިން ގޮނޑުދޮށުންނާއި، ގޮނޑުދޮށާ ކައިރި ސަރަހައްދުން ވިއްކުމަށް ނިންމާފައިވަނީ ޖުމަލަ 76 ބިމެވެ. މިބިންތައް ވިއްކުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެސް އިއުލާން ކުރި އެވެ. ނަމަވެސް ބިން ވިއްކުން އެޗްޑީސީން މަޑުޖައްސާލީ އެސަރަހައްދުން ބިން ވިއްކުމަށް އެކުލަވާލާފައިވާ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާތީ އެމަސައްކަތް ނިންމާލުމަށެވެ.
ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގެއް ހުށަހަޅާ ބޭފުޅަކަށް ވިއްކުމަށް ހަމަޖެހިފައިވާ މި ބިންތަކުގެ ނީލަން ފެށެނީ އަކަފޫޓަކަށް 3000 ރުފިޔާގެ ރޭޓުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ފައިނޭންޝަލް ސެންޓަރަކާއި، ޓޫރިޒަމަށް ހާއްސަ ސަރަަހައްދަކާއި، ކްރޫޒް ޓާމިނަލްއެއް ހެދުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 245 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު ހިއްކި ސަރަހައްދުގައި އެއްގަމު ތޮށިލުމާއި ހިއްކި ބިމުގެ މަގުތައް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.