ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށި ފަހުން ފްލައިޓް ތަކުގެ ހަރަކާތްތައް އެންމެ ގިނައިން ހިނގާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާފައިވަނީ 12 އޭޕްރީލް 1966 ވަނަ އަހަރު އެވެ. އެއާޕޯޓްގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކޮށް ހިދުމަތް ދޭން ފެށީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
އެމްއޭސީއެލް އިން މިއަދު މީޑިއާއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ އެއާޕޯޓުގެ ނަން ވެލާނާ އެއާޕޯޓުގެ ނަމަށް ބަދަލުކޮށް ހިންގަން ފެށިފަހުން ޖެހިގެން އައި ދުވަހަކީ އެއާޕޯޓުގެ މުޅި ތާރީހުގައި ވެސް ފްލައިޓް ތަކުގެ ހަރަކާތްތައް އެންމެ ގިނައިން ހިނގާފައިވާ ދުވަސް ކަމަށެވެ.
އެގޮތުން މިމަހުގެ ދެވަނަ ދުވަހު ފްލައިޓް ތަކުގެ 567 ހަރަކާތްތަކެއް ހިނގާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ރަންވޭއަށް ޖައްސާ އެއާކްރާފްޓްތަކުގެ 188 ހަރަކާތާއި، މޫދަށް ޖައްސާ ސީޕްލޭންގެ 379 ހަރަކާތެވެ.