އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް އަގު ލީޓަރަކުން 30ލާރި ބޮޑު ކޮށްފިއެވެ.

އެސްޓީއޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވާގޮތުން މިބަދަލު ގެނެސްފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެސްޓީއޯއިން ބުނީ އެކުންފުނިން ދެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9 ރުފިޔާ 35 ލާރިއަށް ކަމަށެވެ. އެކުންފުނިން ބުނީ ޕެޓްރޯލްގެ އަގު ބޮޑުކުރި ނަމަވެސް އެކުންފުނިންވިއްކާ ޑީސަލްގެ އަގު ބޮޑު ނުކުރާކަމަށެވެ.

ޕެޓްރޯލްގެ އަގަށް މިބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވަމުން ދިއުމުގެ ސަބަބުން ކަމުގައި އެސްޓީއޯއިން ބުނެފައި ވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށްދާން ފެށީ ތެޔޮ އުފައްދާ މިންވަރު ދަށްކުރަން އޯޕެކްގެ ގައުމުތަކުން އެއްބަސްވެ އެއާއި އެއްގޮތަށް އަަލުކުރަން ފެށުމުގެ ސަބަބުންނެވެ. ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 53.76 އެމެރިކާ ޑޮލަރަށް ނަމަވެސް މިއަހަރުގެ ތެރޭގައި ސާފު ނުކުރާ ތެޔޮފީފާއެއްގެ އަގު 66 ޑޮލަރަށް އުފުލޭނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރައްވައެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ދަށަށް ދިޔައީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އޭރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮފީފާއެއްގެ އަގު 26 ޑޮލަރަށް ވެއްޓުނެވެ.