ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނޭ މަގު ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވުސް ބީއެމްއެލްއިން ޤާއިމް ކުރި ނިޒާމްގެ ތެރޭގައި ހިމެނޭ އޮންލައިން ޕޯޓަލް ތަޢާރަފްކޮށްފިއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން އޮންލައިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގަންނަން ހުށައެޅޭނެ ކަމަށެވެ. މިގޮތުން އެންމެ އަވަސްވެގެން ފުރުމުގެ ފަސްދުވަސް ކުރިން އަދި އެންމެ ލަސްވެގެން ފުރުމުގެ 8 ގަޑިއިރު ކުރިން ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަތުމަށް ހުށައަޅަން ޖެހޭނެ ކަމަށާއި، މިގޮތަށް ހުށައަޅާއިރު ގަންނަން ބޭނުންވާ ޑޮލަރަށްވާ ފައިސާ ދައްކަވަންޖެހޭނީ ބީއެމްއެލްގެ ޑެބިޓްކާޑަކުން ކަމަށް ސައީދު ވިދާޅުވިއެވެ.
"އޮންލައިންކޮށް ހުށައަޅުއްވަން ދަތިވާ ބޭފުޅުންނަށް ބޭންކުގެ ބްރާންޗުތައް މެދުވެރިކޮށްވެސް ހުށައެޅުއްވޭނެ. ޑޮލަރު ގަތުމަށް އެދިފައިވާ ފަރާތްތަކަށް ނަގުދު ފައިސާއިން ޑޮލަރު ދޫކުރާނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ޤާއިމްކުރެވިފައިވާ ބޭންކުގެ ކައުންޓަރުތަކުން. ޑޮލަރު ދޫކުރާނީ، ބޯޑިންގ ފާހާއި ޕާސްޕޯޓް ކައުންޓަރަށް ހުށައެޅުމުން" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެއްވެސް ދަތިކަމެއް ނެތި ހުރިހާ ފަރާތްތަކަކަށްވެސް ޑޮލަރު ދޫކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ، ޑޮލަރު ހޯއްދެވުމަށް ހުށައެޅުއްވުމަށްފަހު، އެއްވެސް ސަބަބަކާއި ހެދި ފުރުން ލަސްވުން ނުވަތަ ދަތުރު ކެންސަލްވުން ފަދަ ކަމެއް ދިމާވެއްޖެނަމަ ބޭންކުން ރިފަންޑް ދޭނެކަމަށެވެ.
"ފްލައިޓް ޑިލޭވުން ފަދަ ކަމެއް މެދުވެރިވެއްޖިއްޔާވެސް އަޅުގަނޑުމެން އެކަމަށް ބަލާނަން. ފުރަން ދީފައި އޮތް ޝެޑިއުލްއަށް ވުރެ 72 ގަޑިއިރަށް ވުރެ ލަސްނުވާ ކަމަށް ވެއްޖިއްޔާ، ޑޮލަރު ހޯދުމަށް އަލުން ހުށައަޅުއްވާކަށް ޖެހިވަޑައެއް ނުގަންނަވާނެ. ދެން އެއްވެސް ސަބަބަކާއި ހުރެ ފުރާވަޑައި ނުގެންނެވޭ ނަމަ ޑޮލަރު ގަތުމަށް ދެއްކެވި ފައިސާ ބޭންކުން އަނބުރާދޭނެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެވި ކަމަށްވަންޏާ، އެ އެކައުންޓަކަށް ބޭންކުން ފައިސާ ޖަމާކޮށްދޭނީ" ސައީދު ވިދާޅުވިއެވެ.
އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކްޓިވް ޑައިރެކްޓަރ މުނާ އިބްރާހިމް ވިދާޅުވީ، އެމްއެމްއޭއިން ހޮނިހިރު ދުވަހުގެ ނިޔަލަށް ޑޮލަރު ވިއްކާގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެމުއްދަތު ހޯމަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށެވެ.
"އަޅުގަނޑުމެން ދެ ދުވަސް މިއިތުރުކުރީ، ބީއެމްއެލްއިން މިޚިދުމަތް ފަށާއިރު ދިމާވެދާނެ ކަމަކަށް ލުޔެއް ދިނުމުގެ ގޮތުން. އާދީއްތަ ހޯމަ ދެދުވަހުވެސް ހަމަ ކުރިއެކޭ އެގޮތަށް އެމްއެމްއޭއިން ޓިކެޓަޓަށް ޑޮލަރު ވިއްކާނެ. އެހެން ނަމަވެސް އެމްއެމްއޭއިން ޑޮލަރު ބައްލަވައިގަތް ބޭފުޅަކަށް އެއާޕޯޓަކުން ޑޮލަރު ލިބިވަޑައެއް ނުގަންނަވާނެ. ދެން ހޯމަދުވަހަށް ފަހުން އެމްއެމްއޭއިން ޑޮލަރު ވިއްކުން ހުއްޓާލާއިރު ބީއެމްއެލްއިން މިކަން ކުރިޔަށް ގެންދާގޮތް ބަލައި އެބޭފުޅުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އަޅުގަނޑުމެން ދެމުން ގެންދާނަން" މުނާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ޑޮލަރު ވިއްކުން ބީއެމްއެލް މެދުވެރިކޮށް ހަމައެކަނި އެއާޕޯޓުގައި ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސާފައި ވާއިރު، ކުރިއެކޭ އެއްގޮތަށް އެކަކަށް އެންމެ ގިނަވެެގެން ވިއްކާނީ 500 ޑޮލަރު ކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ.