ހިންދީ، އުރުދޫ އަދި އިނގިރޭސި ފިލްމްތަކުން ވަރަށް ބޮޑު މަގްބޫލްކަމަކާއި މަޝްހޫރުކަމެއް ހޯދައި އެތައް އެވޯޑެއް ލިބިފައިވާ ތަރި އޮމް ޕޫރީ މަރުވެއްޖެއެވެ.

އޮމް ޕޫރީ މަރުވީ ހާޓްއެޓޭކެއް ޖެހިގެން މިއަދު އޭނާގެ ގޭގައި ކަމަށް އާއިލާ މެމްބަރަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް މައުލޫމާތު ދީފައި ވެއެވެ. އޮމް ޕޫރީ މަރުވިއިރު އުމުރަކީ 66 އަހަރެވެ.

އޮމް ޕޫރީ މަރުވި ޚަބަރާއެކު އިންޑިއާގެ ފިލްމީ ދާއިރާގެ ތަރިންނާއި، ޑައިރެކްޓަރުންނާއި ފިލްމީ ދާއިރާގެ އެކިއެކި ފަރާތްތަކުން ޓްވިޓަރ މެދުވެރިކޮށް އެކަމުގެ ހިތާމަ ފާޅުކުރަމުން އެބަގެންދެއެވެ.

އަމިތާބް ބައްޗަން، ޖާވިދު އަޚްތަރު، ޕްރިޔާންކާ ޗޯޕްޅާފަދަ އެކިއެކި ފުންނާބު އުސް ފަންނާނުންވެސް ހިތާމަ ފާޅުކުރަމުން ގެންދެއެވެ.

އޮމް ޕޫރީ ފިލްމީ ދުނިޔެއަށް ނުކުމެފައިވަނީ 1970 ގެ އަހަރުތަކުގައެވެ. އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި "ގާނދީ" އާއި "ސިޓީ އޮފް ޖޯއި" އަދި "އީސްޓް އިޒް އީސްޓް" ފަދަ ހިންދީ، ޕާކިސްތާން އަދި އެމެރިކާގެ ހޮލީވުޑާއި، އިނގިރޭސިވިލާތުގެ ފިލްމް އިންޑަސްޓްރީޒްގެ އެތައް ފިލްމެއްވެސް ހިމެނެއެވެ.

"ގާނދީ" އަކީ އިންޑިއާއަށް ސިޔާސީ މިނިވަންކަން ހޯދުމަށް ހިންގި ހަރަކާތުގެ ބާނީ މަހާތުމާ ގާނދީގެ ހަޔާތްޕުޅުގެ މައްޗަށް އިނގިރޭސިވިލާތުގެ ރިޗަރޑް އެޓެންބަރަ 1982 ވަނަ އަހަރު އުފެއްދި ފިލްމެކެވެ. އެފިލްމްގައި އޮމް ޕޫރީ ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ.

1980 ވަނަ އަހަރު ނުކުތް "އާކްރޯޝް" އަދި 1982 ވަނަ އަހަރު ނުކުތް "އަރްދް ސަތިޔާ" އިން އޮމް ޕޫރީއަށް އިންޑިއާގެ ނޭޝަނަލް އިންޑިއަން ފިލްމް އެވޯޑްސްގައި އެންމެމޮޅު އެކްޓަރުގެ އެވޯޑް ލިބިފައި ވެއެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ޖެކް ނިކޯލްސަން، ޓޮމް ހޭންކްސް އަދި ޕެޓްރިކް ސްވޭއިޒްފަދަ ތަރިންނާއެކު އޭނާ އިނގިރޭސި ފިލްތައްވެސް ކުޅެފައި ވެއެވެ. އޭގެ ތެރޭގައި 1994 ވަނަ އަހަރު ނުކުތް "ވޮލްފް" އަދި 1996 ވަނަ އަހަރު ނުކުތް "ދަ ގޯސްޓް އެންޑް ދަ ޑާރކްނަސް" ހިމެނެއެވެ.

ހިންދީ ފިލްމީ ދުނިޔޭގައި އޮމް ޕޫރީ އަދާކޮށްފައިވާ ޚިދުމަތްތައް ފާހަގަކޮށް އިންޑިއާގައި އާންމު ފަރާތަކަށް ދެވޭ ހަތަރުވަނައަށް އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ "ޕަދްމާ ޝްރީ" އެވޯޑް އިންޑިއާ ސަރުކާރުން އޮމް ޕޫރީއަށް ދީފައިވެއެވެ. ހަމަ އެއާއެކު، އިނގިރޭސިވިލާތުގެ ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް 2004 ވަނަ އަހަރު "އޯ.ބީ.ސީ" ގެ ޝަރަފްވެސް އިނގިރޭސިވިލާތުން އޮމް ޕޫރީއަށް ދީފައި ވެއެވެ.

2007 ވަނަ އަހަރު ނުކުތް ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ޗާލީ ވިލްސަންސް ވޯރ" ގައި ހޭންކްސް އަދި ޖޫލިއާ ރޮބަރޓްސްއާއެކު އޮމް ޕޫރީ ޕާކިސްތާނުގެ ޖެނެރަލް މުހަންމަދު ޒިޔާއުލް ހައްގުގެ ރޯލު އަދާކޮށްފައި ވެއެވެ. 2014 ވަނަ އަހަރު ނުކުތް އިނގިރޭސި ފިލްމެއް ކަމަށްވާ "ދަ ހަންޑްރެޑް ފޫޓް ޖާރނީ" ގެ ތަރިއަކީވެސް އޭނާއެވެ.

1950 ގެ އަހަރުތަކުގައި އިންޑިއާގެ މިހާރުގެ ހަރިޔާނާ ސްޓޭޓް (ކުރިން އަމްބަލާ) އަށް އުފަން އޮމް ޕޫރީއަކީ ދޭތެރެ ދޭތެރެއިން އިންޑިއާގެ މީޑިއާގެ ފަލަ ސުރުޚީން ޖާގަލިބޭ ފަންނާނެކެވެ.

އެއްކަމަކީ އޭނާގެ އަންހެނުން ނަންދިތާ ޕޫރީއާ ދެމެދު ޖެހޭ މައްސަލަތަކެވެ.

މިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އޮމް ޕޫރީގެ ވާހަކަތައް އެރީ، ބޮލީވުޑްގެ ފިލްތަކުން ޕާކިސްތާނުގެ ތަރިން ބޭރުކޮއްލި މައްސަލާގައި ހިތްހަމަނުޖެހިގެން އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމުންނެވެ.

ބޮލީވުޑުން ޕާކިސްތާނުގެ ފަންނާނުން ބޭރުކޮށްލީ ކަޝްމީރުގެ އިންޑިއާ ފަޅީގައިހުރި އިންޑިއާ ސިފައިންގެ ބޭހަކަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ބަޔަކު ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 19 މީހުން މަރާލި ހާދިސާއާ ގުޅިގެންނެވެ. އެއަމަލަކީ ޕާކިސްތާނުގެ ކަމެއް ކަމަށް އިންޑިއާއިން ތުހުމަތު ކޮށްފައި ވެއެވެ.

މިމައްސަލާގައި "އަސްކަރިއްޔާއާއި ގުޅެން ސިފައިން ގާތު ބުނީ ކާކުހޭ" ބުނެ އޮމް ޕޫރީ މީޑިއާ މެދުވެރިކޮށް ސުވާލު ކުރުމުން އެކަން ވަރަށް ހޫނުވެ އިންޑިއާގެ މުޅި ސޯޝަލް މީޑިއާގައި އޭނާއަށް ނުރުހުން ފާޅުކޮށްފައި ވެއެވެ.