ހޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ އެންޖެލީނާ ޖޯލީ އާއި ބްރެޑްޕިޓްގެ ވަރީގެ ވާހަކައަށްފަހު މި ދެ މީހުންނާއި ގުޅޭގޮތުން މިހާރު އެންމެ ގިނައިން ދެކެވެމުންދާ ވާހަކައަކީ މިދެމީހުންގެ ދަރިންނާއި މެދު ދެން ހަދާނެ ގޮތެއްގެ ވާހަކަ އެވެ.

އެންޖެލީނާ އާއި ބްރެޑްޕިޓްގެ ވަރީގެ މައްސަލަ ކޯޓުގައި ހިނގަމުންދާއިރު މި ދެމީހުންގެ ދަރިންނާއި މެދު މިމަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމާނެ އެވެ.

އެމެރިކާގެ ވެބްސައިޓެއް ކަމަށްވާ "ހޮލީވުޑް ލައިފް"ގައި ބުނެފައިވަނީ އެންޖެލީނާ އާއި ބްރެޑްޕިޓްގެ ދަރިން ތިބޭނީ އެތަނުން ކާކުގެ ކައިރީގައިތޯ ނިންމުމަށްޓަކައި ކޯޓުގައި ހިނގަމުންދާ މައްސަލާގައި އެންޖެލީނާއާއި ބްރެޑްޕިޓަށް ވަނީ ދެ މީހުންނަށް އެއްބަސްވެވޭ ހުށަހެޅުމަކަށް އަދި އާދެވޭ ގޮތް ނުވެފަ އެވެ. ނަމަވެސް ދެ މީހުން އެއްބަސްވާ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

އެންޖެލީނާ ހުށަހެޅި ލިޔުންތަކުގައި ބުނެފައިވަނީ ބްރެޑް ޕިޓް ހުށަހެޅި ގޮތަށް އާންމުންނަށް ނޭނގޭނެހެން ދަރިންގެ މައްސަލަތައް ނިންމުމަށް އޭނާވެސް އެއްބަސްވާ ކަމަށެވެ. ބްރެޑް ޕިޓް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ދަރިންގެ ކަންކަމުގައި ދަރިންނަށް އެންމެ ރަނގަޅު ގޮތްގޮތަށް ކަންކަން ކުރުމަށް އެންޖެލީނާ ނުވިސްނާ ކަމަށް ބުނެފައިވާތީ އެއީ ހަގީގަތާާއި ހިލާފު ވާހަކަތަކެއް ކަމަށް ބުނެ އެންޖެލީނާ ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ. އެގޮތުން އެންޖެލީނާ ބުނީ ދަރިން ހަލާކު ކުރަނީ ބްރެޑް ޕިޓް ކަމަށެވެ.

މިމައްސަލައިގާ ކޯޓުން ވަކި ގޮތެއް ނިންމަންދެން މިހާރު ވަނީ ދަރިން ބެލުމުގެ ވަގުތީ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން ކޯޓުން މައްސަލާގައި ވަކި ގޮތެއް ނިންމަންދެން ދަރިން އެންޖެލީނާ ގާތުގައި ތިބޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ބްރެޑް ޕިޓްއަށް ދަރިންނާއި ބައްދަލު ކުރެވޭނީ ވަކި ގަޑިތަކެއްގައި ކަމަށްވެސް ކަނޑައަޅާފަ އެވެ.

ޖޯލީއާއި ޕިޓް ވަރިވުމަށް ކޯޓަށް މައްސަލަ ހުށަހެޅިއިރު މި ދެމަފިިރިންގެ އުފަން ތިން ކުދިންނާއި އެޑޮޕްކޮށްފައިވާ ތިން ކުއްޖެއްވެސް ގެންގުޅެ އެވެ. މި ދެމަފިރިން ވަކިވާއިރު އެމީހުން އެޑޮޕް ކޮށްފައިވާ ކުދިންނަށް ވެދާނެ ގޮތަކާއި މެދުވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.