އެމެރިކާއަށް ނިސްބަތްވާ ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަދި މޮޑެލް ޕަމެލާ އެންޑަސަން މިހާާރު ބޭނުން ވަނީ އޭނާގެ ދިރިއުޅުން ޔޫރަޕަށް ބަދަލުކުރާށެވެ.

އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ "މިރާ"އަށް އެންޑަސަން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ގިނަ ރަހުމަތްތެރިން ދިރިއުޅެމުން ގެންދަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގައި ކަމަށެވެ. އެހެންކަމުން އޭނާވެސް މިހާރު ބޭނުންވަނީ ދިރިއުޅުން އެމެރިކާގެ ކެލިފޯނިޔާއިން ޔޫރަޕަށް ބަދަލުކުރުމަށް ކަމަށްވެސް ބުންޏެވެ.

"އަހަރެން މިހާރު މިބަލަމުންދަނީ ލަންޑަން ނުވަތަ ޕެރިހުން އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް. އަހަރެންގެ ރަހުމަތްތެރިން ލޮސް އެންޖަލިސްއަށް ވުރެއް ލަންޑަންއާއި ޕެރިހުގައި މާގިނަ ވާނެ. އަދި އަހަރެންގެ ދިރިއުޅުން މިހާރު މިވަނީ ހަތަރު އަނގޮޅިއެއްގެ މެދަށް ހުއްޓިފައި. ސަބަބަކީ އަހަރެންގެ ދިރިއުޅުމުގައި އަހަރެން ދެކެމުންދާ ހުވަފެންތަކަކީ މާ ބޮޑެތި ހުވަފެންތަކަކަށް ވުން،" އުމުރުން 49 އަހަރުގެ އެންޑަސަން ކިޔައި ދިނެވެ.

އެންޑަސަން ބުނި ގޮތުގައި އޭނާ ދިއުމަށް ބޭނުންވާ އެތައް ތަނެއް ދުނިޔޭގައި އެބަހުއްޓެވެ. މީގެ ކުރިން އެފްރިކާާއަށް ނުދިޔަނަމަވެސް އޭނާާއަކީ އަބަދުވެސް އެފްރިކާގެ ޖަންގަލި ތަކުގައި އުޅޭ އެތްތަކާއި ރައިނޯ ފަދަ ޖަނަވާރުތަކަށް އެހީތެރިވެދޭން ބޭނުންވާ މީހެއް ކަމަށްވެސް ބުންޏެވެ.

އެންޑަސަން ޔޫރަޕަށް ބަދަލުވާން ބޭނުންވަނީ އޭނާގެ ގިނަ ރަށްޓެހިންތަކެއް ޔޫރަޕްގައި އުޅޭތީ ކަަމަށް އެންޑަސަން ބުނި ނަމަވެސް ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެންޑަސަން ޔޫރަޕަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވަނީ އެމެރިކާގައި ސިޔާސީ ހަމަނުޖެހުން ބޮޑުވަމުންދާތީ އެވެ.

އިންޑިއާގެ ނޫހެއް ކަަމަށްވާ "އިންޑިއަން ޓައިމްސް"ގައި ބުނެފައިވަނީ ރިޔާސީ ދައުރުގެ ފަހު ދުވަސްތައް ގުނަމުން ގެންދަވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އެންޑަސަން ދާދި ފަހުން ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށެވެ. މިސިޓީއަކީ އޮބާމާ ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ އީމެއިލްތަކެއް ހެކްކުރި މައްސަލަ އޮބާމާގެ ސަރުކާރުން ތަހުގީގުކުރަމުންދާތީ އެކަން ނުކުރުމަށް އެދި އެންޑަސަން ފޮނުވި ސިޓީއެއް ކަމަަށްވެސް ނޫހުގައިވެ އެވެ. އަދި މިފަދަ ތަހުގީގެއް ކުރިއަށް ގެންދިއުމަށްވުރެ އާއިލާއާއި އެކުގައި ހަމަޖެހިލައިގެން ދިރިއުޅުމަށް ވަގުތު ހުސްކުރުން މާމުހިއްމު ކަމުގައި އެންޑަސަންގެ ސިޓީގައި އޮބާމާ އަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސްވެ އެވެ.

އެންޑަސަން އާންމުންގެ މެދުގައި މަޝްހޫރު ކަމެއް ހޯދާފައިވަނީ އޭނާ ކުޅުނު ޓީވީ ސީރީޒް ތައް ކަމަށްވާ "ހޯމް އިމްޕްރޫވްމަންޓް" އާއި "ބޭވޮޗް" ފަދަ ސީރީޒް ތަކުންނެވެ. އަދި މީގެ އިތުރުން އެންޑަސަން އަކީ އާންމުންގެ މެދުގައި ވަރަށް މަގްބޫލު މޮޑެލް އެކެވެ.