ޓެކްނޮލޮޖީ ދާއިރާގެ ބިޔަ ކުންފުންޏެއް ކަމަށްވާ އެޕަލް ކުންފުނީގެ 2016 ވަނަ އަހަރުގެ ވިޔަފާރީގެ ޓާގެޓްތައް ހާސިލް ކުރެވޭ ގޮތް ނުވުމުން އެކުންފުނީގެ ސީއީއޯ، ޓިމް ކުކްގެ އަހަރީ ބޯނަސް ކުޑަކޮށްލައިފި އެވެ.
އެޕަލްއިން އެމެރިކާގެ ހިއްސާގެ ވިޔަފާރީގެ ބެލެނިވެރިފަރާތް ކަމަށްވާ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުށަހަޅާފައިވާ އަހަރީ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި އެކުންފުނިން 2016 ވަނަ އަހަރަށް ކަނޑައެޅި ވިޔަފާރީގެ ޓާގެޓަކީ 223.6 ބިލިއަން ޑޮލަރު ނަމަވެސް، އެކުންފުންޏަށް ކުރެވިފައިވަނީ 215.6 ބިލިއަން ޑޮލަރުގެ ވިޔަފާރި އެވެ. އެއީ 2016 ވަނަ އަހަރުގެ އަހަރީ ޓާގެޓަށް ވުރެ 3.7 އިންސައްތަ މަދު އަދަދެކެވެ. ހަމައެއާއެކު، ކުންފުނި ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު ލިބުނު ފައިދާ ވެސް ވަނީ އަންދާޒާކޮށްފައިވާ މިންވަރަށް ވުރެ 0.5 އިންސައްތަ ދަށްވެ، 60 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
ނަތީޖާއެއްގެ ގޮތުން ސީއީއޯ ކުކްއަށް އަހަރީ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު މުސާރައާއި ބޯނަހުގެ ގޮތުގައި ލިބިފައިވަނީ ޖުމުލަ 8.75 މިލިއަން ޑޮލަރެވެ. މިއީ 2015 ވަނަ އަހަރު އޭނާއަށް ލިބުނު 10.3 މިލިއަން ޑޮލަރަށް ވުރެ 15 އިންސައްތަ ދަށް މިންވަރެކެވެ. ހަމައެއާއެކު، މިއީ 2014 ވަނަ އަހަރު އޭނާއަށް ލިބުނު 9.2 މިލިއަން ޑޮލަރަށް ވުރެ ވެސް ދަށް އާމްދަނީ އެކެވެ.
އެޕަލްގެ އެހެން އެގްޒެކެޓިވުންގެ މުސާރަ ވެސް ވަނީ ކުޑަވެފަ އެވެ. އެހެންނަމަވެސް، އެމީހުންގެ މުސާރަ ކުޑަވެފައިވަނީ އާއްމު ގޮތެއްގައި އެންމެ 9.6 އިންސައްތަ އެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ބޮޑު މުސާރައެއް ލިބުނުކަމަށް ހާމަކޮށްފައިވާ އެޕަލްގެ އެގްޒެކެޓިވް ކަމަށްވާ އެކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އޮފް ރީޓެއިލް އެންޖެލާ އާރެންޑްޓްސް އަށް ލިބިފައިވަނީ 22.9 މިލިއަން ޑޮލަރެވެ.
"އަޅުގަނޑުމެންގެ މަސައްކަތް، 2016 ވަނަ އަހަރު ޚަރަދުތައް ކަނޑާފަ ބާކީ ހުރި އާމްދަނީ އާއި ސާފު ފައިދާއަށް ރިއާއަތްކޮށްގެން ބަލާނަމަ، އެއީ އަޅުގަނޑުމެންގެ 2015 ވަނަ އަހަރުގެ ރިކޯޑު މިންވަރުތަކަށް ވުރެ 7.7 އިންސައްތަ އަދި 15.7 އިންސައްތަ ދަށް މިންވަރުތަކެކެވެ. އެހެންނަމަވެސް، 2016 ވަނަ އަހަރު އަޅުގަނޑުމެންގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެގްޒެކެޓިވް އޮފިސަރުންނަށް ދެވުނު ފައިސާގެ މިންވަރަކީ 2015 ވަނަ އަހަރު ދޫކުރެވުނު އަހަރީ މާލީ އިނާޔަތްތަކަށް ވުރެ މާބޮޑުތަން ކުޑަ މިންވަރެކެވެ. މިކަމުން ދައްކުވައިދެނީ މަސައްކަތުގެ ނަތީޖާއާއި ގުޅުވައިގެން އިނާޔަތް ދިނުމުގެ ހަރުދަނާ އުސޫލެވެ." އެޕަލް ކުންފުނިން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވެ އެވެ.
ލިޔެކިޔުންތަކުން ސީއީއޯ ކުކް އަށް ލިބުނު ކަމަށް ދައްކާ މާލީ އިނާޔަތްތަކަކީ އޭނާއަށް މިދިޔަ އަހަރު ލިބުނު އެޕަލްގެ 1.26 މިލިއަން ހިއްސާ ނުލައި އެކުލަވާލާފައިވާ އަދަދުތަކެކެވެ. ސީއީއޯ ކުކް އަށް ލިބިފައިވާ 1.26 މިލިއަން ހިއްސާގެ ބޮޑުބަޔަކީ އެޕަލްގެ ސީއީއޯގެ މަގާމުގައި ފަސް އަހަރު އޭނާ ހޭދަކުރުމުން އޭނާއަށް ހަދިޔާ ކުރެވުނު ހިއްސާ އެވެ. އެހިއްސާތަކުގެ ޖުމުލަ އަގު މިދިޔަ އަހަރުގެ އޯގަސްޓު މަހު އެންމެ ފަހުން އާއްމުކުރި އިރު އުޅެނީ 135 މިލިއަން ޑޮލަރުގަ އެވެ.
ސްމާޓްފޯނު ވިއްކާ އެހެން ކުންފުނިތަކެކޭ އެއްފަދައިން އެޕަލް އަށް ވެސް ވަނީ ކުރިއަށް ވުރެ ގިނަ ވާދަވެރިންނާ ވާދަކުރަންޖެހުމުގެ އިތުރުން ވިޔަފާރި ކުރިއެރުން މަޑުޖެހުމުގެ މައްސަލަތަކާ ކުރިމަތިލާންޖެހިފަ އެވެ. މިހެން ކަން ދިމާވާން މެދުވެރިވީ ގިނަ ދުވަސްވީ ބޮޑެތި މާކެޓުތަކުގައި ސްމާޓްފޯން ފަސޭހައިން ލިބޭ މިންވަރު 80 އިންސައްތަ ނުވަތަ އެއަށް ވުރެ މައްޗަށް އެރުމާ ގުޅިގެންނެވެ. އެޕަލްގެ އަހަރީ އާމްދަނީގެ 63 އިންސައްތަ ހިއްސާ ކުރަނީ އައިފޯނުގެ ވިޔަފާރި އެވެ. އެގޮތުން 2016 ވަނަ އަހަރުގެ ފަހު ހަތަރު މަހުގައި އައިފޯނުގެ 45 މިލިއަނަށް ވުރެ ގިނަ ފޯނު ވިކުނު ނަމަވެސް، އަހަރަކަށް ފަހު އަހަރެއް އެއަދަދު އަންނަނީ ދަށްވަމުންނެވެ.
ސްމާޓްފޯނުގެ އައު އީޖާދުތައް މަދުވުމާއި ފޯނުތައް ގިނަ ދުވަހަށް ދެމިހުރުމުގެ ސަބަބުން އެޕަލްއާއި އެހެން ކުންފުނިތަކަށް ވެސް ވަނީ މިހާރު ސްމާޓްފޯނު ގެންގުޅޭ މީހުންނަށް އެމީހުންގެ ފޯނުތައް ދޫކޮށްލައި އައު ފޯނުތައް ގަތުމަށް ހިތްވަރުދިނުމަށް ނުކުޅެދިފަ އެވެ. ހަމައެއާއެކު، އެޕަލްގެ މައިގަނޑު މާކެޓުތައް ކަމަށްވާ އެމެރިކާއާއި ޔޫރަޕުގައި އަލަށް ސްމާޓްފޯނު ގަންނަ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.
ޗައިނާ ފަދަ އައު މާކެޓުތަކަށް ފޯނު ނެރުމުގެ ސަބަބުން އެޕަލް އަށް އައު ކަސްޓަމަރުންތަކެއް ލިބުނު ނަމަވެސް، އެޕަލްއާއި އެކުންފުނީގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ސެމްސަންގް ކުންފުންޏަށް ވެސް ވަނީ ޗައިނާގެ ފޯނު އުފައްދާ ކުންފުނިތަކުގެ ފަރާތުން ޕްރެޝަރާ ކުރިމަތިލާން ޖެހިފަ އެވެ. ތަފާސްހިސާބު އެއްކުރާ ކުންފުންޏެއް ކަމަށްވާ ގާޓްނާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެޕަލް އަދި ސެމްސަންގުގެ ވެސް ދުނިޔޭގެ ފޯނު ބާޒާރުގެ ހިއްސާ ވަނީ ދަށްވެފަ އެވެ. އެގޮތުން އެޕަލްގެ ހިއްސާ އަހަރަކަށް ވުރެ އަހަރެއް 2.5 އިންސައްތަ ދަށްވެފައިވާއިރު ސެމްސަންގުގެ ހިއްސާ އަހަރަކަށް ވުރެ އަހަރެއް 4.4 އިންސައްތަ ވަނީ ދަށްވެފަ އެވެ. އެހެންނަމަވެސް، ޗައިނާގެ ކުންފުނިތައް ކަމަށްވާ ވާވޭ، އޮޕޯ އަދި އެހެން ކުންފުނިތަކުގެ ދުނިޔޭގެ ފޯނު ބާޒާރުގެ ހިއްސާ ވަނީ އިތުރުވެފަ އެވެ.