ޔާޝް ޗޯޕްރާގެ ފިލްމެއް ކަމަށްވާ "އިއްތިފާގް" އަކީ 1969 ވަނަ އަހަރު ރިލީޒްކޮށްފައިވާ ކާމިޔާބު ހިންދީ ފިލްމެކެވެ. މި ފިލްމުގެ ކާމިޔާބަށް ބެލުމަށްފަހު އިންޑިއާގައި ފިލްމު އުފައްދާ އެންމެ މަޝްހޫރު ތިން ކުންފުނި ގުޅިގެން މިފިލްމު އަލުން އުފެއްދުމަށް މިހާރު ވަނީ ނިންމާފަ އެވެ.

އިންޑިއާގެ "ބޮލީވުޑް ޓައިމްސް" ގައި ބުނެފައިވަނީ އިއްތިފާގު އަލުން ހަމަ އެނަމުގައި ހަދާއިރު މިފިލްމު އުފެއްދުމުގެ ފަހަތުގައި ރެޑް ޗިލީޒް އާއި ދަރްމަ ޕްރޮޑަކްޝަން އާއި ބީއާރް ފިލްމްސް ކުންފުނި ކަމަށެވެ.

މިފިލްމާ ގުޅޭގޮތުން ބޮލީވުޑް ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ކުރިއަރަމުން އަންނަ ތަރިއެއް ކަމަށްވާ ސޮނާކްޝީ ސިންހަ ބުނެފައިވަނީ މިފިލްމުގެ ލީޑް ރޯލް ކުޅުމަށް އޭނާ ސޮއިކޮށްފައިވާ ކަމަށެވެ. ސޮނާކްޝީއާއެކު މިފިލްމުގައި އެކްޓަރެއްގެ ބައި އަދާކުރަނީ ސިދްހާތް މަލޯތުރާާ ކަމަށްވެ އެވެ.

ސޮނާކްޝީ ބުނީ "އިއްތިފާގް"ގެ ރީމޭކު ކުޅުމަށް އޭނާ އެއްބަސްވީ މިފިލްމުގައި އޭނާ ކުޅުމަށް ހަމަޖެހިފައިވާ ރޯލަކީ ވަރަށް ވަރުގަދަ އަދި މިހާތަނަށް އޭނާ ކުޅެފައި ނުވާ ފަދަ ތަފާތު ރޯލަކަށް ވުމުން ކަމަށެވެ. މިފިލްމުގައި އޭނާގެ ރޯލުގައި ދައްކުވައިދޭންޖެހެނީ ވަރަށް ވަރުގަދަ އަންހެނެއްގެ ރޯލު ކަމަށްވެސް ބުނެ އެވެ.

ސޮނާކްޝީ ބުނީ "އިއްތިފާގް" ގެ ރީމޭކް ކުޅުމަށް އޭނާ ސޮއިކުރުމާއެކު އަލަށް ހަދާ ފިލްމުގެ ޑައިރެކްޓަރު ކަރަންޖޯހަރް އޭނާއަށް ނަސޭހަތެއް ދީފައިވާ ކަމަށެވެ. އެގޮތުން މިފިލްމުގައި ސޮނާކްޝީ ކުޅުމަށް ހަމޖެހިިފައިވާ ބައިތައް ޝޫޓްކޮށް ނުނިމެނީސް އިއްތިފާގު ފިލްމު ނުބެލުމަށް ކަރަން ނަސޭހަތްތެރިވެފައިވާ ކަމަށް ބުންޏެވެ.

ސޮނާކްޝީ ބުނީ އިއްތިފާގު ފިލްމަކީ އޭނާ މިހާތަނަށް ބަލާފައިވާ ފިލްމެއް ނޫން ކަމަށެވެ. ނަމަވެސް އިއްތިފާގުގެ ރީމޭކެއްގެ ގޮތުގައި ހަދާ ފިލްމުގެ ސްކްރިޕްޓް އޭނާ ކިޔާފައިވާތީ އަސްލު ފިލްމު ބެލުމަށް ވަރަށް ޝައުގުވެރިވާ ކަމަށްވެސް ބުންޏެވެ. އެކަމަކު ކަރަން ދީފައިވާ ނަސޭހަތް ގަބޫލުކޮށް އަސްލު ފިލްމު ނުބަލަން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

ސޮނާކްޝީ ފާހަގަކުރެވިފައިވަނީ އަބަދުވެސް ތަފާތު ރޯލްތަކުން ފެނިގެންދާ ތަރިއެއްގެ ގޮތުގަ އެވެ. އެގޮތުން "އަކީރާ" އާއި "ފޯސް 2" ގައި ސޮނާކްޝީ އަދާކޮށްފައިވާ ރޯލްތަކަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެ އެެވެ.

ސޮނާކްޝީ ބޮލީވުޑަށް ތައާރަފް ވެފައިވަނީ 2010 ވަނަ އަހަރު ނިކުމެފައިވާ ފިލްމު "ދަބަންގް" އިންނެވެ.