ސްޓެލްކޯ އިން ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ނަގަމުން ދިޔަ އަދަދު އަނެއްކާވެސް ބޮޑުކޮށްފި އެވެ.
ސްޓެލްކޯ އިން ދެމުންގެންދާ ކަރަންޓްގެ އަގު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޮޑުކުރި ފަހުން ފިއުލް ސާޗާޖު ބޮޑު ކުރި މިއީ ހަތަރުވަނަ ފަހަރެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ސްޓެލްކޯ އިން ފިއުލް ސާޗާޖު އެންމެ ފުރަތަމަ ބޮޑުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އޭރު ސްޓެލްކޯއަށް ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 8.12 ރުފިޔާ އަށެވެ. އޭރު ސާޗާޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަތަރު ލާރި އެވެ.
ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވެ ފިއުލް ސާޗާޖު ދެވަނަ ފަހަރަށް ބޮޑުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. ސްޓެލްކޯ އަށް އެ ތާރީހުގައި ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 8.40 ރުފިޔާއަށް ކަމަށް ވާތީ އެ ތާރީހުން ފެށިގެން ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުން ދިޔަ އަދަދު 12 ލާރިއަށް ވަނީ އިތުރުކޮށްފަ އެވެ. ތިންވަނަ ފަހަރަށް ފިއުލް ސާޗާޖު ބޮޑުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. ސްޓެލްކޯ އަށް އޭރު ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 8.91 ރުފިޔާއަށް ކަމަށް ވާތީ އެ ތާރީހުން ފެށިގެން ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުން ދިޔަ އަދަދު ވަނީ 27 ލާރިއަށް އިތުރުކޮށްފަ އެވެ.
ސްޓެލްކޯ އަށް ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވި ކަމަށް ބުނެ ހަތަރުވަނަ ފަހަރަށް ފިއުލް ސާޗާޖު ބޮޑުކޮށްފައި މިވަނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެންނެވެ. ސްޓެލްކޯއަށް މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ގަންނަން ލިބެނީ 9.28 ރުފިޔާއަށް ކަމަށާއި އެހެންކަމުން ފިއުލް ސާޗާޖުގެ ގޮތުގައި މިހާރު ނަގަމުންދަނީ 38 ލާރި ކަމަށްވެސް ސްޓެލްކޯގެ ވެބްސައިޓުގައި ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވެ އެވެ.
ސްޓެލްކޯ އަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8 ރުފިޔާ އަށް ވުރެ ބޮޑުވާނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން މީގެ ކުރިން ސްޓެލްކޯ އަށް ދީފައިވެ އެވެ.
ސްޓެލްކޯގެ ވެބްސައިޓްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކުންފުންޏަށް މިއަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 7.05 ރުފިޔާ އަށެވެ. އަދި މިއަހަރުގެ އޭޕްރީލް މަހު ޑީސަލް ލީޓަރެއް 7.50 ރުފިޔާ އަށް ގަންނަން ލިބިފައިވާއިރު މިދިޔަ ޖޫން މަހު ސްޓެލްކޯއަށް ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 7.97 ރުފިޔާ އަށެވެ. އޭގެ ފަހުން ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވީ ސެޕްޓެމްބަރު މަހު އެވެ. އެ މަހުގެ ތެރޭގައި ސްޓެލްކޯ އަށް ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 8.12 ރުފިޔާ އަށެވެ. މިދިޔަ ނޮވެމްބަރު މަހު ސްޓެލްކޯއަށް ޑީސަލް ލީޓަރެއް 8.40 ރުފިޔާ ގަންނަން ލިބިފައިވާއިރު މިދިޔަ ޑިސެމްބަރު މަހު އެކުންފުންޏަށް ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 8.91 ރުފިޔާ އަށެވެ. އަދި މިހިނގާ ޖެނުއަރީ މަހު ސްޓެލްކޯއަށް ޑީސަލް ލީޓަރެއް ގަންނަން ލިބިފައިވަނީ 9.28 ރުފިޔާ އަށެވެ.
ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ޔުނިޓަކުން ހަަތަރު ލާރި ނެގުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްޓެލްކޯ އިން އެންމެ ފުރަތަމަ ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކަރަންޓް އަގުތަކަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ކަރަންޓް ބިލް ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކުރަމުންދަނިކޮށް މައްސަލައަށް އެއްވެސް ހައްލެއް ނުލިބި ވަނިކޮށެވެ.
ރައްޔިތުންގެ ޝަކުވާތައް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކަރަންޓްގެ ޓެރިފް ރޭޓް ތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެ ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން އިއުލާންކުރައްވާފައިވެސްވެ އެވެ. އެކަމަކު މިހާތަނަށްވެސް ސަރުކާރުން ނިންމި ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.