ދ. ކުޑަހުވަދޫ އެއާޕޯޓުގެ ވަޒީފާ ތަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.
ކުޑަހުވަދޫ އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން ކޮށްފައިވާ އިއުލާނެއްގައިވަނީ އެއާޕޯޓުގެ ހަތަރު ޑިޕާޓްމަންޓަކަށް 52 މުވައްޒަފަކު ހޯދުމަށް އިއުލާންކޮށްފަ އެވެ.
މީހުން ހޯދަނީ އިންޖިނިއަރިން އޭޖީއޭ އެންޑް ފެސިލިޓީޒް މެއިންޓެނަންސް ޑިޕާޓްމަންޓާއި، ސޭފްޓީ އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓާއި، އެޗްއާރް، އެޑްމިން އައިޓީ އެންޑް އެކައުންޓިން ޑިޕާޓްމަންޓުގެ އިތުރުން ރޭމްޕް އެންޑް ޓާމިނަލް އޮޕަރޭޝަންސް ޑިޕާޓްމަންޓަށެވެ.
މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ "ދާލު އެއާޕޯޓް" ހަދާފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރިއޯލޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.
ކުޑަހުވަދޫ އެއާޕޯޓަކީ 1800 މީޓަރުގެ ދިގު ރަންވޭއެކެވެ. މިއެއާޕޯޓް ހަދާފައިވަނީ ޑޭޝް-8 އަދި އޭޓީއާރް-72 މަރުކާގެ ބޯޓުތަކާއި އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށެވެ.
ރާއްޖޭގައި މިހާރުވެސް 11 އެއާޕޯޓެއް ހިންގާއިރު ހަތަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓްތަކެވެ. އަނެއް ހަތް އެއާޕޯޓަކީ ޑޮމެސްޓިކް އެއާޕޯޓްތަކެވެ.
އިންޓަނޭޝަނަލް އެއާޕޯޓް ތަކަކީ ވެލާނާ އެއާޕޯޓާއި، ހަނިމާދޫ އެއާޕޯޓާއި، ގަން އެއާޕޯޓުގެ އިތުރުން މާމިގިލީ އެއާޕޯޓެވެ. ޑޮމެސްޓިކް އެއާޕޯޓްތައް ހިންގަނީ ރ. އިފުރު، ބ. ދަރަވަންދޫ، ތ. ތިމަަރަފުށި، ލ. ކައްދޫ، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ އަދި ފުވައްމުލަކުގަ އެވެ.
މީގެ އިތުރުން ނ. މާފަރާއި ގދ. މާވަރުލުގައިވެސް ވަނީ އެއާޕޯޓެއް ހެދުމަށް އަމަލީ މަސައްކަތް ފެށިފަ އެވެ. ނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެ މި ދެ އެއާޕޯޓްގެ މަސައްކަތް މިވަގުތު ވަނީ ހުއްޓިފަ އެވެ.