ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާ އެކު ޑޮލަރު ފޯރުކޮށްދިނުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަލަށް ތައާރަފްކުރި އޮންލައިން ބުކިން ނިޒާމުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ޑޮލަރު ދޫކުރަން ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ދަތުރުވެރިން ޑޮލަރު ގަތުމަށް ބީއެމްއެލްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާ ފުރުމުގެ ކުރިން އެއާޕޯޓުން ޑޮލަރު ނެގޭނެ ކަމަށެވެ.
އާ ނިޒާމަށް އަމަލުކުރަން ފެށުން ފާހަގަކުރުމަށް މިއަދު ވެލާނާ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލް އިން ވަނީ މި ނިޒާމް ބޭނުންކޮށްގެން ޑޮލަރު ގަންނަން ދިޔަ ފުރަތަމަ 10 މީހަކަށް ބޯނަސް ގިފްޓެއްގެ ގޮތުގައި ކޮންމެ މީހަކަށް 100 ޑޮލަރު ދީފަ އެވެ.
އޮންލައިންކޮށް ޑޮލަރު ގަންނަން ފައިސާ ދައްކާ މީހުންނަށް ޑޮލަރު ދޫކުރަނީ ވެލާނާ އެއާޕޯޓުގެ ޑިޕާޗާ ގޭޓް ހަތަރެއްގެ ކުރިމަތީގައި ހަދާފައިވާ ކައުންޓަރުތަކުންނެވެ.