ޑެމިއެން ޗެޒޭލްގެ "ލާ ލާ ލޭންޑް" މިއަހަރުގެ ގޯލްޑަން ގްލޯބްގެ އެންމެ ކާމިޔާބު ފިލްމަކަށް ހޮވިއްޖެ އެވެ.

ގޯލްޑަން ގްލޯބް އެވޯޑްސް އިއްޔެ ބާއްވާފައިވާއިރު މި ހަފްލާގައި "ލާ ލާ ލޭންޑް" އަށް ހަތް އެވޯޑެއް ލިބިފައިވެ އެވެ.

ޑެމިއެން ޗެޒޭލްގެ ލާ ލާ ލޭންޑުން އޭނާ އަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ލިބިފަ އެވެ. އެންމެ މޮޅު މިއުޒިކަލް ކޮމެޑީ ފިލްމުގެ މަގާމުވެސް މިފިލްމު ވަނީ ހޯދާފަ އެވެ. އަދި ލާ ލާ ލޭންޑް ގެ ލީޑް ތަރިން ކަމަށްވާ އެމާ ސްޓޯން އާއި ރިޔާން ގޮސްލިންގް އަށް ވަނީ އެންމެ މޮޅު އެކްޓަރާއި އެކްޓްރެސްގެ އެވޯޑްވެސް ލިބިފަ އެވެ. އަދި މީގެ އިތުރުން އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި އެންމެ މޮޅު ސްކޯވެސް މިފިލްމަށް ވަނީ ލިބިފަ އެވެ. އަދި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑްވެސް ކާމިޔާބުރީ މިފިލްމުގެ "ސިޓީ އޮފް ސްޓާޒް" އެވެ.

"ލާ ލާ ލޭންޑް" އަކީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ރިލީޒް ކުރެވުނު މިއުޒިކަލް ކޮމެޑީ އެކެވެ.

ގޯލްޑަން ގްލޯބްގެ އިތުރު އެވޯޑްތަކަށް ބަލާއިރު އެންމެ މޮޅު ޑްރާމާ ފިލްމަކަށް ހޮވިފައި ވަނީ ބެރީ ޖެންކިންސް ޑައިރެކްޓް ކުރި ފިލްމު "މޫންލައިޓް" އެވެ. އެންމެ މޮޅު ޑްރާމާ ފިލްމް އެކްޓްރެސްގެ އެވޯޑް ހޯދާފައިވަނީ "އެލް" އިން އީސަބެލް ހުޕަޓް އެވެ. އަދި އެންމެ މޮޅު ޑްރާމާ ފިލްމް އެކްޓަރުގެ އެވޯޑް ލިބުނީ "މެންޗެސްޓާ ބައި ދަ ސީ" އިން ކެސީ އެފްލިކް އަށެވެ.