ސްކޫލްތަކުގައި ފެށުމަށް ރާވާފައިވާ ޔަންގް ފިޝަސް ކްލަބްގެ ސްޕޮންސަރިން ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.
ޔަންގް ފިޝާސް ކްލަބުގެ ސްޕޮންސަރިން ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖެއްސުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހަޖްރީ އެވެ. މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދެވެ.
ދިރާގުން ބުނީ ޔަންގް ފިޝަސް ކްލަބުގެ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުން ބައިވެރިވީ އެ ކްލަބާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބު ތަކުގައި ދިރިއުޅޭ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން ތަފާތު ތައުލީމީ ފުރުސަތުތައް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ދިރާގުން ބުނީ މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށާއި ޓީޗަރުންނަށް ޔަންގް ފިޝަސް ކުލަބުން ހިންގާ ތަފާތު ހަރަކާތްތަކަށް ދިރާގުގެ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ކޮމިއުނިކޭޝަނާއި ޓެކްނޮލޮޖީއާއި ގުޅޭ ތަފާތު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެ އެވެ.
ޔަންގް ފިޝަސް ކްލަބަކީ މަސްވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި ތަފާތު ދާއިރާތަކާއި ކަނޑުގެ ތިމާވެއްޓާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކޮށް އެ ދާއިރާތަކުން ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމަށް ސްކޫލްތަކުގައި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކްލަބެކެވެ. އެގޮތުން އެކްލަބުގެ ހަރަކާތްތަކުގެ ތެރޭގައި ތިމާވެއްޓާއި ދެމެއްޓެނިވި މަސްވެރިކަމާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ނިޔަމިކަމާއި މުވާސަލާތީ ތަފާތުން ކަންތައްތަކާއި ގުޅޭގޮތުން އެކިއެކި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
ޔަންގް ފިޝަސް ކްލަބްގެ މަގްސަދަކީ މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތަކަކީ ޕްރޮފެޝަނަލް މަސައްކަތްތަކަށް ހެދުމަށްޓަކައި އެކަމުގެ ޝައުގާއި ހުނަރު ސްކޫލްތަކުގެ ދަރިވަރުންނަށް ފޯރުކޮށްދީ ޒުވާނުން މަސްވެރިކަމުގެ ވަޒީފާތަކަށް އަހުލުވެރިކޮށް ޝައުގުވެރިކުރުވުން ކަމަށް މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން ބުނެ އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވީ މަސްވެރިކަމުގެ މުސްތަގްބަލު ވަނީ ތައުލީމީ ގާބިލް ޒުވާނުން އެ މަސައްކަތުގައި ބައިވެރިވެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރަން އަހުލުވެރިވުމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ޔަންގް ފިޝަސް ކްލަބްގެ ހަރަކާތްތަކުގައި ދިރާގު ފަދަ ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އެހީތެރިކަން ލިބިގެން ދިއުމަކީ އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ބާރެއް ކަމަށްވެސް ވިދާޅުވި އެވެ.
ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ރާއްޖޭގެ ފަސް އަތޮޅެއްގެ ފަސް ސްކޫލެއްގައި ވޭތުވެދިޔަ އަހަރު އިފްތިތާހު ކުރެވުނު މި ކުލަބުގެ ހަރަކާތްތައް މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރު އެ ކުލަބުގެ ހަރަކާތްތައް ހިންގުމަށް ރޭވިފައިވަނީ އައްޑޫ މަރަދޫ ސްކޫލާއި ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ދ. އަތޮޅު ތައުލީމީ މަރުކަޒާއި ރ. ދުވާފަރު ސްކޫލްގެ އިތުރުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގަ އެވެ.