ރާއްޖެއިން ބޭރަށް ތަފާތު ބޭނުންތަކުގައި ފުރާފައިވާ 30،000 އަށް ވުރެ ގިނަ މީހުންނަށް ޑޮލަރު ވިއްކާފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިތި (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 15.2 މިލިއަން ޑޮލަރު 30،502 މީހުންނަށް ވަނީ ވިއްކާފަ އެވެ. މިއީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ބޭންކްތަކުން ޑޮލަރު ވިއްކުން ނިމުމަކަށް ގެނެސް އެމްއެމްއޭ އިން ޑޮލަރު ވިއްކި މުއްދަތުގައި ވިއްކާފައިވާ ޑޮލަރުގެ ތަފާސްހިސާބެވެ.

އެމްއެމްއޭ އިން އިއްޔެ ޑޮލަރު ވިއްކުން ހުއްޓާލާފައިވާއިރު އެންމެ ގިނައިން ޑޮލަރު ވިއްކާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ 1629 ޓިކެޓަށް 814،019 ޑޮލަރަށް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި އެންމެ މަދުން ޑޮލަރު ވިއްކާފައިވަނީ އިއްޔެ ކަމަށްވެސް އެމްއެމްއޭ އިން ބުނެ އެވެ. އެއީ 32 ޓިކެޓަށް 15،510 ޑޮލަރެވެ.

ޑޮލަރުގެ ގަތުމަށް ބޭންކްތައް ކައިރީގައި ދިގު ކިޔޫތަކެއް ހަދަން ޖެހި ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން މާލޭގައި އެމްއެމްއޭ އިން އެކަނި ޑޮލަރު ވިއްކާ ގޮތަށް ހަމަޖައްސާ އެގޮތަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް ޑޮލަރު ވިއްކުން މިހާރު ވަނީ އަނެއްކާވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފަ އެވެ. އެހެންނަމަވެސް މިފަހަރު ބޭންކުން ނިންމާފައި ވަނީ ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަންނަން ފައިސާ ދެއްކުމުން، އެއާޕޯޓްގައި ހުންނަ ބީއެމްއެލްގެ ހާއްސަ ކައުންޓަރުތަކަކުން ޑޮލަރު ދޫކުރާ ގޮތަށެވެ.

ބީއެމްއެލް އިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކިޔޫގައި މަޑުނުކޮށް ފަސޭހަކަމާ އެކު ޑޮލަރު ގަތުމަށް ބުކިން ހަދާ އަދި ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް އޮންލައިންކޮށް ބުކިން ނުހެދޭ މީހުންނަށް އެއާޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްްވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ހުރިހާ ވަގުތެއްގައިވެސް ހިދުމަތް ދިނުމުގައި އިސްކަންދޭނެ ކަމަށް ބުނެ އެވެ.