ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޖެޓީ ކައިރީގައި ފްރެންޗައިސް ހަތަރު ބްރޭންޑެއްގެ ރެސްޓޯރަންޓްތަކެއް ހުޅުވަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުިވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ގިނަ ފްރެންޗައިޒް ފުޑް އައުޓްލެޓްތަކެއް ވެލާނާ އެއާޕޯޓްގައި ހިދުމަތް ދިނުމަށް ޝައުގުވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ކޭއެފްސީ އާއި، މެކްޑޮނާލްޑްއާއި، ސްޓާބަކްސް އަދި ޕިއްޒާ ހަޓާއި ހާޑް ރޮކް ފަދަ ބްރޭންޑްތައް ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ބައެއް ފަރާތްތަކުން މަޝްވަރާކުރަމުންވެސްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ވެލާނާ އެއާޕޯޓުގައި ހިދުމަތް ދޭން ޝައުގުވެރިވާ މަޝްހޫރު ފްރެންޗައިސް ތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޝްހޫރު ފްރެންޗައިސް ތަކެއް ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމްއޭސީއެލް ބުނެފައިވާއިރު ރަސްފަންނު ބީޗްގައި ހަދަމުންދާ ޕެވީލިއަންގައި މަޝްހޫރު ފްރެންޗައިޒް ދެ ބްރޭންޑެއް ކަމަށްވާ ކޭއެފްސީއާއި ޕިއްޒާ ހަޓްގެ ހިދުމަތް ލިބޭ ގޮތަށް ޕެވީލިއަން ހިންގަން ހުށަހަޅާފައިވާ ބްރަދާސް ކޭޓަރިންނަށް ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހަވާލުކޮށްފަ އެވެ.