އަތޮޅުތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 17 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 65 ފަރާތަކާއެކު ޖުމުލަ 82 ފަރާތެއްގެ ނަން ހިމެނެއެވެ.

މީރާއިން ބުނީ، ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.

މީރާއިން ބުނީ، ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.

މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެއޮތޯރިޓީ ބުންޏެވެ.