ދިވެހި އުފެއްދުންތަކަށް ފެކްޓަރީއެއް ހަދަން ހުޅުމާލެއިން ބިމެއް އިކޮނޮމިކް މިނިސްޓްރީއަށް ދޫކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިކޮނޮމިކް މިނިސްޓްރީއަށް ބިން ކުއްޔަށް ދިނީ ރާއްޖޭގައި އުފެއްދިދާނެ ފަސް ބާވަތެއްގެ އުފެއްދުންތައް އުފެއްދުމަށް މަސައްކަތްތަކެއް ކުރުމަށެވެ.

އިކޮނޮމިކް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު، މުހައްމަދު ސައީދު އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މި ބިން ކުއްޔަށް ހިފުމުގެ އެންމެ ބޮޑު ބޭނުމަކީ 2014 ވަނަ އަހަރު ބޭއްވުނު އެކްސްޕޯ މޯލްޑިވްސްގެ ތެރެއިން ދިވެހިން އުފައްދާފައިވާ ތަކެތި ބަލާލުމަށްފަހު ރާއްޖޭގައި އުފެއްދިދާނެ ކަމަށް ބެލެވޭ ޕްރޮޑަކްޓް އުފެއްދުމަށް މިތަނުގައި މަސައްކަތް ކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެއިން ކުއްޔަށް ހޯދާފައިވާ މި ބިމުގައި ފަސް ބާވަތެއްގެ ޕްރޮޑަކްޓް އުފެއްދުމަށް އެސްއެމްއީ އިންޑަސްޓްރިއަލް ޕާކެއް ތަރައްގީ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އަލަށް ވިޔަފާރިއަށް ވަންނަ މީހުންނަށް އޮފީސް ޖާގަ ދޫކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅުން ހުރި މަސައްކަތްތައްވެސް މިތަނުގައި ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ތައްޔާރީ ކާނާ އުފައްދާ މީހުންނަށް އެފަދަ ބާވަތްތައް ތައްޔާރު ކުރެވޭނެ ގޮތަށް ވަސީލަތްތައް ވެސް ގާއިމް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ ހުޅުމާލޭގައި ގާއިމް ކުރެވޭ ސެންޓަރާއި އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ގާއިމް ކޮށްފައިހުރި ސެންޓަރު ތަކާ ގުޅާލުން ކަމަށެވެ. އަދި މިއަހަރު ނިމެންވާއިރު މި ޕްރޮޖެކްޓް ނިންމާލާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަދި އެއް ބާވަތެއްގެ ޕްރޮޑަކްޓެއް ވެސް ފްކްޓަރީން އުފެއްދުމަށް އަޅުގަނޑުމެންގެ އަމާޒު އެބަހުރި. މީގެ އެންމެ ބޮޑު މަސައްކަތް މި ނިމުނީ. މި ކަމަށް ފަންޑެއް މި ހޯދަނީ އިސްލާމިކް ޑިވަލޮޕްމަންޓު ބެންކާއި އޭޝިއަން ޑިވަލޮޕްމަންޓް ބެންކާ ގުޅިގެން،" މިނިސްޓަރު ވިދަޅުވި އެވެ.

ސައީދު ވިދާޅުވީ މިހާތަނަށް ކުރި ދިރާސާތަކުން ރާއްޖޭގައި ސޮފްޓް ޓޯއިޒްގެ ބާވަތްތަކަށް ރަނގަޅު މާކެޓެއް އޮތްކަން ފާހަގަވާ ކަމަށެވެ. ނަމަވެސް ދެން އުފައްދާނެ އިތުރު ބާވަތްތަކަކީ ކޮބައިކަން ދިރާސާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން ކާށިތެޔޮ ބޭނުންކޮށްގެން ކޮސްމެޓިކްސްގެ ސާމާނު އުފެއްދުމާއި ކާބޯތަކެތީގައި ބޭނުން ކުރާނެ ލޮނުވެސް އުފެއްދިދާނެ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ މި ފެކްޓްރީ އުފައްދާނީ ވީހާވެސް ފުޅާދާއިރާއެއްގައި މަސައްކަތް ކުރެވޭނެ ގޮތަށް ބަލައިގެން ކަމަށެވެ. އަދި މިފެކްޓްރީގެ ސަބަބުން ކުދި ވިޔަފާރިތަކަށް އެއްވެސް ގެއްލުމެއް ލިބިދާނެތޯ ދިރާސާ ކުރަމުން ގެންދާ ކަމަށްވެސް ވިދާޅުވި އެވެ. މީގެ އިތުރުން މި ފެކްޓްރީ ގާއިމް ކުރާނީ ގިނަ ވަޒީފާތަކެއްވެސް އުފެއްދުމަށް އަމާޒުކޮށްގެން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.