އިތުރު ތިން އެއާލައިނެއްގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ހުޅުލޭގައި ހުންނަ އެމްއޭސީއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މިހާރު ހިނގަމުންދާ މަޝްވަރާތަކަށް ބަލާއިރު ތިން އެއާލައިނަކުން މިއަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަމެއް ލިބިފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން މަޝްވަރާކުރަމުންދަނީ ޗައިނާއާއި އިންޑިއާ އަދި ޔޫރަޕްގެ ގައުމެއްގެ އެއާލައިނަކާ އެވެ. މީގެ ތެރެއިން ޔޫރަޕްގެ އެއާލައިންގެ ދަތުރުތައް މިއަހަރުގެ އޮކްޓޯބަރު ނުވަަތަ ނޮވެމްބަރު މަހު ފެށޭނެ ކަަމަށް ލަފާކުރެވޭއިރު އިންޑިއާ އެއާލައިންގެ ދަތުރުތައް މިއަހަރުގެ ޖޫން ނުވަތަ ޖުލައި ހިސާބުގައި ފެށޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ޗައިނާގެ ގައުމީ އެއާލައިން، އެއާ ޗައިނާގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ.

އާދިލް އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށި ފަހުން ފްލައިޓް ތަކުގެ ހަރަކާތްތައް އެންމެ ގިނައިން ހިނގާފައިވާ އަހަރަށް ވާއިރު މިއަހަރަކީ ވެސް އެގޮތުން ރެކޯޑް އަހަރަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް މިހާރު ފެށިގެންދާއިރު އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުގެ ދަތުރުތައް އިތުރުވެ އަދި ރާއްޖެއަށް އަންނަ އަމިއްލަ މީހުންގެ ޖެޓްތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.