އުރީދޫއިން ރާއްޖޭގެ 75 އިންސައްތައަށް އުރީދޫގެ 4ޖީ ނެޓްވާކް ފުޅާކޮށްފި އެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް އުރީދޫގެ 4ޖީ ނެޓްވާކް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު 100 ރަށަކަށް ހިދުމަތް ފޯރުކޮށްދިނުމާއި އެކު، ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް އެކުންފުނީގެ 4ޖީ ނެޓްވާރކް ވަނީ ފުޅާކޮށްފަ އެވެ.

މިކަން އުރީދޫއިން އިއުލާންކުރީ، އުރީދޫގެ 4ޖީ ނެޓްވާކް ތައާރަފްކޮށްފައިވާ ރަށެއް ކަމަށްވާ، ލ. ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ އިންޓަނެޓަކީ ގައުމީ ތަރައްޤީ އަށް ވަރަށްވެސް މުހިންމު ވަސީލަތެއް ކަމަށާއި އުރީދޫ އިން ހުރިހާ ރައްޔިތުންނަށް ވެސް ކުރިއެރުމުގެ ފުރުސަތުހޯދައިދިނުމުގެ ގޮތުން ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް މުޅި ގައުމަށް ފުޅާކުރުމަށް ދޭ އަހަމިއްޔަތާއި މެދު އުފާކުރާ ކަމަށެވެ.

މިރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވި ބައިނަލްއަޤްވާމީ މުޖުތަމައުތަކުގައިދޭ ފެންވަރު ރަގަޅު އިންޓަނެޓްގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފައިދާތައް ކުރާ ކަމަށެވެ. މި އަޕްގްރޭޑް އާއިއެކު، ބ އަތޮޅުން ފެށިގެން ސ އަތޮޅާ ހަަމައަށް އުރީދޫގެ 4ޖީ ނެޓްވާރކްގެ ހިދުމަތް ލިބެމުންދާނެ އެވެ.

އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް، 4ޖީ ސިމްކާޑެއް ލައްވާފައިވާ 4ޖީ ފޯނެއް މެދުވެރިކޮށް، މިޚިދުމަތް ލިބޭ ސަރަހައްދުތަކުން، އިތުރު އަގަކާ ނުލާ، އުރީދޫގެ 4ޖީ ނެޓްވާރކް ބޭނުންކުރެވޭނެ އެވެ.

އުރީދޫ އިން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް 4ޖީ ނެޓްވަރކް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތް މިމަހުގެ ތެރޭގައި ނިމެނޭ ކަމަށް އުރީދޫިއން ވަނީ ލަފާކޮށްފަ އެވެ.