މާކިއުރީ ބްރޭންޑުގެ އިންޖީނު ރާއްޖެ އެތެރެކޮށް ވިއްކާ ރާއްޖޭގެ ކުންފުނި ހަސަން މެރިން ސޮލިއުޝަންސްއަށް ސަރަހައްދީ ފެންވަރުގެ އެވޯޑެއް ލިބިއްޖެ އެވެ.

އިންޑޮނޭޝިޔާގައި ކުރިއަށް ދިޔަ "މާކިއުރީ މެރިން އޭޝިޔާ ބިޒްނަސް ކޮންފަރެންސް"ގައި ރާއްޖޭގެ ހަސަން މެރިން އިންޖިނަރިން އަށް ލިބިފައިވަނީ "މާކިއުރީ މެރިން"ގެ މާކެޓިން އެކްސެލެންސް އެވޯޑެވެ.

މި އެވޯޑާއި ހަސަން މެރިންގެ ފަރާތުން ހަވާލުވެލެއްވީ ހަސަން މެރިންގެ މެނޭޖިން ޑައިރެކްޓަރު ހަސަން ހަލީމް އެވެ.

ހަސަން މެރީންގެ ބިޒްނަސް ޑިވެލޮޕްމަންޓް އެގްޒެކްޓިވް މަހުމޫދު ޒިޔާއު ވިދާޅުވީ ހަސަން މެރިންއަށް މި އެވޯޑު ލިބުނީ މާކިއުރީ އިންޖީނުގެ ވިޔަފާރިި ކުރާ އެކި ގައުމުތަކުގެ ކުންފުނިތަކާ ވާދަކޮށްގެން ކަމަށެވެ.

މިއެވޯޑަކީ މާކިއުރީ އިންޖީނުގެ ވިޔަފާރި އެންމެ ރަނގަޅަށް ކުރާ އަދި އެބްރޭންޑުގެ އުފެއްދުންތައް އިޝްތިހާރު ކުރުމުގައި އެންމެ ކުރި ހޯދާފައިވާ ޑިސްޓްރިބިއުޓަރަކަށް ދޭ އެވޯޑެއް ކަމަށްވެސް ޒިޔާއު ވިދާޅުވި އެވެ.

ޒިޔާއު ވިދާޅުވީ މިއީ ހަސަން މެރިން އިންޖިނިއަރިންއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

މާކިއުރީ ބްރޭންޑުގެ އިންޖީނަކީ އެމެރިކާގައި ވަރަށް މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ހަސަން މެރިން އަކީ، މާކިއުރީ އިންޖީނާއި، އޭގެ ސްޕެއާ ރާއްޖެ އެތެރެކޮށް ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ.