ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބައިނަލްއަގްވާމީ ފެންވަރުގެ ފްރެންޗައިޒް ރެސްޓޯރަންޓްތަކެއް ހިންގަން ޝައުގުވެރިވާ ބަޔަކު ހޯދަން ފުރުސަތު ހުޅުވާލާފި އެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަށްޗަށްވާ ގޮތަށް ރެސްޓޯރަންޓް ސްޕޭސްގެ ގޮތުގައި ކަނޑައެޅި ތަންތަނަށް ގެންނަން ހަމަޖެހިފައިވާ ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންޓްތަކުގެ ތެރޭގައި ކޭއެފްސީ އާއި، މެކްޑޮނަލްޑް، ސްޓާބަކްސްގެ އިތުުރުން ޕިއްޒާ ހަޓް، ބާސްކިން ރޮބިންސް ފަދަ ބްރޭންޑްތައް ހިމެނެ އެވެ. އިންޓަނޭޝަނަލް ފްރެންޗައިޒްގެ ހަ ރެސްޓޯރެންޓް އެ އޭރިއާގައި ހެދުމަށް ވަނީ ނިންމާފަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ހިންގަމުންގެންދާ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތީގައިވާ ޖެޓީ ސަރަހައްދުގައި އެ ކުންފުނިން ކުރާ އިމާރާތުގައި އިންޓަނޭޝަނަލް ބްރޭންޑްތަކުގެ ހަ ރެސްޓޯރަންޓް ހިންގަން ނިންމާފައިވާތީ އެކަމަށް ޝައުގުވެރިވާ ބަޔަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ އެކުންފުނިން ދޭ ކޮންސެޕްޓާ އެއްގޮތަށް ބްރޭންޑެޑް ރެސްޓޯރަންޓްތަކެއް ހިންގުމަށް ޝައުގުވެރިވާ ބަޔަކު ބީލަން ހުށަހެޅުމަށް މިމަހުގެ ނިޔަލަށް ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާއިރު ކުންފުނީގެ ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށްވެސް ވަނީ އަންގާފަ އެވެ.

މީގެ އިތުރަށް އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވެ ހިންގަން ގަސްދުކުރާ އިންޓަނޭޝަނަލް ބްރޭންޑު ރާއްޖޭގައި ހިންގުމަށް ފްރެންޗައިސީ ލައިސަންސް ހޯދަންވާނެ ކަމަށެވެ. އަދި ބީލަމަށް ޝައުގުވެރިކަން ފާޅުކުރުމަށްފަހު ނުވަތަ ޝައުގުވެރިކަން ފާޅުކުރުމުގެ ކުރިން ފްރެންޗައިސީ ލައިސަންސް ހޯދުމުގެ މަސައްކަތް ކުރުމުގެ އިހްތިޔާރު އެ ކުންފުންޏަކަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެ އެވެ.

ބީލަމުގެ އިވެލުއޭޝަން މަރުހަލާއަށް ކޮލިފައިވާ ކުންފުނިތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއްވެސް އިއުލާންގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސޯލް ޕްރޮޕްރަޔަޓާޝިޕް ނުވަތަ ލިމިޓެޑް ލައިބިލިޓީ ޕާޓްނަޝިޕް ނުވަތަ ކުންފުންޏަކަށް ވުމާއެކު، ހިންގަން ހުށަހަޅާ ބްރޭންޑްގެ ލައިސަންސް ލިބި ހިންގާ ރެސްޓޯރަންޓެއް ހުރި ބަޔަކަށް ނުވަތަ ހިންގަން ހުށަހަޅާ ބްރޭންޑްގެ ލައިސަންސް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ ލިޔެކިޔުމެއް ލިބިފައިވާ ބަޔަކަށް ވާންޖެހޭ ޖެހޭނެ ކަމަށްވެސް ބުނެ އެވެ. މީގެ އިތުރަށް އެމްއޭސީއެލް އަށް ދަރަނިވެރިވެފައިވާ ނުވަތަ ސަރުކާރުގެ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ލިސްޓު ކުރެވިފައިވާ ކުންފުންޏަކަށް ވެގެން ނުވާނެ ކަމަށާއި ބީލަމަށް ކުރިމަތިނުލެވޭ ފަދަ ކޯޓު ހުކުމެއް ނުވަތަ ބީލަމުގައި ބައިވެރިނުވެވޭ ފަދަ މައްސަލައެއް ޝަރީއަތުގެ މަރުހަލާގައި ހިނގަމުންދާ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން އަންނަ ފެބްރުއަރީ މަހު 15 ވަނަ ދުވަހު ބޭއްވުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. އަދި ބީލަން ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކަމަށްވެސް އިއުލާންގައިވެ އެވެ. މީގެ އިތުރަށް ބީލަން އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށް ދާނީ އަންނަ މާޗް މަހުގެ 16 އިން އެޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް އިއުލާންގައި ވަނީ ބުނެފަ އެވެ.

ގިނަ އަދަދެއްގެ މަޝްހޫރު ރެސްޓޯރަންޓް ބްރޭންޑްތަކެއް އެއާޕޯޓަށް ތައާރަފްކުރަން އެމްއޭސީއެލުން މަސައްކަތް ފަށާފައިވާއިރު، އެ ވިސްނުމަކީ މީގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރި ވިސްނުމެއް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އަދި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އާ ޕެސެންޖާ ޓާމިނަލްގައި ފްރެންޗައިޒް ހުޅުވަން އިސްކަންދޭނެ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.