އެއް ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހުޅުވާލައިފި އެވެ.

އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން ވިއްކަން ހުޅުވާލާފައިވާ ޓީބިލްގެ ޖުމްލަ އަދަދަކީ 1،054.70 މިލިއަން ރުފިޔާ އެވެ.

ޓީ ބިލް ވިއްކަން ނިންމާފައިވަނީ 3.5 ޕަސަންޓާއި 4.6 ޕަސަންޓްގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

ޓީ ބިލް ވިއްކަން ނިންމާފައިވާ ގޮތަށް ބަލާއިރު 316.4 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ނިންމާފައިވަނީ 28 ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ. އަދި 210.9 މިލިއަން ރުފިޔާގެ ޓީ ބިލް 91 ދުވަހުން ދައްކާ ގޮތަށް ވިއްކަން ނިންމާފައިވާއިރު 316.5 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ނިންމާފައިވަނީ 180 ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ. އަދި 210.9 މިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ނިންމާފައިވަނީ 364 ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ.

އެންމެ ފަހުން ވިއްކަން ހުޅުވާލި 762.8 މިލިއަން ރުފިޔާގެ ޓީބިލްގެ ތެރެއިން 583.3 މިލިއަން ރުފިޔާގެ ޓީ ބިލް ވިކިފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުނެ އެވެ.

އެމްއެމްއޭ އިން ޓީ ބިލް ވިއްކަމުން ގެންދަނީ ސަރުކާރުން އެދޭ ގޮތެއްގެ މަތިން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކަ އެވެ. އެގޮތުން އެމްއެމްއޭ އިން މިހާތަނަށް ޖުމްލަ 23 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑް އަދި އިސްލާމިކް ސެކިއުރިޓީސް ވިއްކާފައިވާ ކަމަށްވެސް އެމްއެމްއޭގެ ވެބްސައިޓްގައިވާ ތަފާސްހިސާބުތަކުން ހާމަވެ އެވެ.

ސަރުކާރުން ކުރުމުއްދަތަކަށް ފައިސާ ދައްކާ ގޮތަށް ޓީ ބިލް ވިއްކަމުން ގެންދާތީ އެއީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަކަށް ކުރެވޭ މުއާމަލާތެއް ނޫން ކަަމަށް ވިދާޅުވެ އިގްތިސޯދީ ބައެއް ބޭފުޅުންނާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ ވިދާޅުވަމުންނެވެ.