މާލެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފި އެވެ.

ގެޒެޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ހަތް ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 102 ފަރާތަކާއެކު ޖުމުލަ 109 ފަރާތެއްގެ ނަން ހިމެނެއެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.