ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ "މާ ޓީވީ" މިރޭ އިފްތިތާހުކޮށްފި އެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގެ ފުރަގަހުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ބަހައްޓާފައިވާ މާ ޓީވީ އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ބަހައްޓާފައިވާ އެންމެ ބޮޑު އެލްސީޑީ ޓީވީ އެވެ. ޓީވީގެ ދިގުމިނުގައި 35 ފޫޓް ހުންނައިރު ފުޅާމިނުގައި 19 ފޫޓް ހުރެ އެވެ.
މާ ޓީވީ އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝަަކުރޫ ސޯލިހް ވިދާޅުވީ މާ ޓީވީ މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތަކާއި ސްޓެލްކޯ އިން ކޮންމެހެން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތަކާއި އަދި އިޝްތިހާރުތައް ވެސް ދައްކާނެ ކަމަށެވެ.
"ކަރަންޓު ބިލް ނުދެއްކުމުން ރެޑް ނޯޓިސް ފޮނުވާފައިވާ ތަންތަނުގެ ލިސްޓެއްވެސް މި ޓީވީ މެދުވެރިކޮށް ދެއްކިދާނެ،" އަބްދުއް ޝަކޫރު ވިދާޅުވި އެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ މާ ޓީވީ ބަހައްޓާފައިވަނީ ފަތާ ޓްރެކް ވެސް ހިމެނޭ ސަރަހައްދުގައި ކަމަށްވާތީ ސްވިމިން މުބާރާތްތައް ބާއްވާއިރު ސްވިމިން އެސޯސިއޭޝަނުން ބޭނުންވާ ބައެއް ކަންކަން ވެސް މާ ޓީވީގައި ކުރެވޭނެ ކަމަށެވެ.