ރެމިޓެންސް ޓެކްސް ދެއްކުމުގައި މަކަރު ހެދުމަށް ފުރުސަތު ނުލިބޭ ގޮތަށް ރެމިޓެންސް ޓެކްސް ނެގުމުގެ ގަވައިދު އިސްލާހުކޮށްފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ ގެނައި މިއިސްލާހުގައިވާ ގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ފަރާތުން އެމީހާގެ ޑިޕެންޑެންޓެއް ނުވަތަ ދިވެއްސަކު އެ ބިދޭސީއެއްގެ ފަރާތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދޭނަމަ އެގޮތަށް ފޮނުވާ ފައިސާއިން ވެސް ރެމިޓެންސް ޓެކްސް ދައްކަންޖެހެ އެވެ.
މިއިސްލާހުގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ޕްރީޕެއިޑް ކޭޝް ކާޑެއް ބޭނުންކޮށްގެން ރާއްޖެއިން ބޭރުން ނަގުދު ފައިސާ ނަގާނަމަ ރެމިޓެންސް ޓެކްސް ނަގާނެ ކަމަށެވެ.
މިއިސްލާހުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ފައިސާއިން ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވާން މަސައްކަތްކޮށްފިނަމަ އެކަމެއް ކުރާ ފަރާތަކާއި ދެކޮޅަށްށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ފިޔަވަޅު އަޅާއިރު ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ އެއްވަރުގެ އަދަދަކުން އެމީހަކު ޖޫރިމަނާ ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އެމީހުންގެ މުސާރައިގެ ތެރެއިން ބޮޑު އަދަދެއް ކޮންމެ އަހަރަކު ވެސް އެމީހުންގެ ގައުމަށް ފޮނުވަމުންދާއިރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބިދޭސީން ފޮނުވާ ފައިސާގެ ތެރެއިން ރެމިޓެންސް ޓެކްސްގެ ގޮތުގައި ތިން އިންސައްތަ ނެގުމަށް ނިންމާ މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރެމިޓެންސް ޓެކްސް ދަނީ ނަގަމުންނެެވެ.
ރެމިޓެންސް ޓެކްސް ނެގުމަށް ވަޒީފާއާއި ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭންވާނީ ރާއްޖޭގައި ހިންގާ ބޭއްކެއްގައި އެ ބިދޭސީ މުވައްޒަފުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކޮށްގެން ކަމަށެވެ. ނޫންނަމަ ގާނޫނީ ގޮތުން ސައްހަ ފައިސާއަކުން ނަގުދުގެ ގޮތުގައި ނުވަތަ ރާއްޖޭގައި ހުންނަ ބޭންކެއްގެ ޗެކަކުން، އެ މުވައްޒަފެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ކަމަށްވެސް އިސްލާހުގައިވެ އެވެ.
ވަޒީފާދޭ ފަރާތްތަކުން މިނޫން ގޮތަކަށް އަމަލުކުރުމަކީ މަނާކަމެއް ކަމަށާއި، މިގޮތަށް އަމަލު ނުކުރާ ފަރާތްތަކުން 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށްވެސް ވަޒީފާ އާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.