ކުދި އޮޑި ދޯނިފަހަރަށް ހާއްސަކޮށްގެން އެމްޓީސީސީން ރާއްޖޭގެ ބާޒާރަށް ޔަންމާ އިންޖީނެއް ތައާރަފްކޮށްފި އެވެ.
އެމްޓީސީސީން މިއަދު ތައާރަފްކުރި މިއިންޖީނާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޑަކްޓް އޮފިސަރު ސާމިހް ޝެހެނާޒް ވިދާޅުވީ އެމްޓީސީސީން އަލަށް މިތައާރަފްކުރި އިންޖީނަކީ 35 ފޫޓަށް ވުރެ ކުދި އޮޑި ދޯނިފަހަރަށް ހާއްސަ 35 ހޯސްޕަވަރުގެ އިންޖީނެއް ކަމަށެވެ. މިއިންޖީނުގެ އަގު އަދި ފައިނަލް ނުކުރާ ކަމަށާއި، ނަމަވެސް އަގު ދެލައްކަ ރުފިޔާ އާއި ގާތްކުރާނެ ކަމަށް ސާމިހް ވިދާޅުވި އެވެ.
ސާމިހް ވިދާޅުވީ މިއިންޖީނު ރީޓެއިލް މާކެޓުގައި ވިއްކަން ފަށާނީ ޓެސްޓްތަަކަށް ފަހު ތިން މަހެއްހާ ދުވަސް ފަހުން ކަމަށެވެ. އަދި ވިދާޅުވީ މިއިންޖީނާއި އެކު 3.5ގެ ގިއަރެއް ހިމެނޭ ކަމަށާއި، އިންޖީނަށް ޕްރީ އޯޑާ ކުރާ މީހުންނާއި އިންޖީން ގަތުމަށް އެންމެ ފުރަތަމަ އެތަނަށްދާ މީހުންނަށް އެމްޓީސީސީން ހާއްސަ އަހަމިއްޔަތު ކަމެއް ދޭނެ ކަމަށެވެ.
ސާމިހް ވިދާޅުވީ އިންޖީނަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ވެސް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
ސާމިހް އިތުރަށް ވިދާޅުވީ މީގެ ކުރިން އެމްޓީސީސީން ތައާރަފްކުރި 60 ހޯސް ޕަވަރުގެ ޔަންމާ އިންޖީނަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން ކުދި އޮޑިދޯނި ފަހަރަށް ހާއްސަކޮށްގެން މިއަދު މިތައާރަފްކުރެވުނު 35 ހޯސްޕަވަރުގެ އިންޖީނަކީވެސް މަގުބޫލު އިންޖީނަކަށް ވެގެން ދާނެ ކަމުގައި ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
އޮޑި ދޯނި ފަހަރުގައި އަޅާ އިންޖީނުގެ ބްރޭންޑްތަކުގެ ތެރެއިން ޔަންމާ އަކީ، ރާއްޖޭގެ ގިނަ އޮޑިވެރިންގެ މެދުގައި މަގުބޫލު އިތުބާރު ހުރި ބްރޭންޑެކެވެ.