އެމްޓީސީސީން ހުސްވި ޑިސެމްބަރު މަހު ކުރިޔަށް ގެންދިޔަ އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2016ގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
ނަސީބުވެރިޔަކަށް ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ އަގުހުރި 30 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް އިނާމެއްގެ ގޮތުގައި ދޭގޮތަށް ހުސްވި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މިޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުމަށް ގުރުއަތު ނެގުން ބާއްވާފައި ވަނީ މިއަދު އެމްޓީސީސީގެ ކަށަވަރު ޝޯރޫމުގަ އެވެ.
އެމްޓީސީސީގެ ކަށަވަރު ފިހާރައިން ކުރާ 5000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ ގޮތަށް ކުރިޔަށް ގެންދިޔަ މިޕްރޮމޯޝަންގެ ގުރުއަތުން މިއަގުހުރި އިނާމް ލިބުނީ، މާލެ އަތޮޅު ގާފަރު، ނޫމާ، ޔައުޤޫބް އަބުދުލް ކަރީމަށެވެ.
އެމްޓީސީސީން ބުނީ އިނާމްގެ ހައްގުވެރިފަރާތާއި ވަރަށް އަވަހަށް އިނާމް ހަވާލުކުރާނެ ކަމަށެވެ.
ގުރުއަތު ނެގުމަށް ފަހު މީޑިޔާތަކަށް ދެއްވި ބަސްދީގަތުމުގައި، އެމްޓީސީސީގެ ޕްރޮޑަކްޓް އޮފިސަރ ސާމިހް ޝެހެނާޒް ވިދާޅުވީ، 2015 ވަނަ އަހަރަށް ވުރެ މިއަހަރުގެ ޕްރޮމޯޝަނަށް ލިބުނު ތަރުހީބު ބޮޑުކަމަށެވެ. އަދި މިޕްރޮމޯޝަން އަހަރުގެ ފަހުކޮޅުގައި ބާއްވަނީ އޮޑިވެރިންވެސް އެންމެ ގިނައިން މާލެ އަންނަ ދުވަސް ވަރަކީ ސްކޫލު ބަންދަށް ވާތީ ކަމަށެވެ.
އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ބާއްވާފައި ވާއިރު، މިޕްރޮމޯޝަންގައި އެންމެ އަގު ބޮޑު އިނާމެއް ހުށައަޅާފައި ވަނީ މިފަހަރު އެވެ.