މާލޭގެ ނޯތު ހާބަރަށް ސައިކަލަށް ވަދެވޭ ގޮތް ހަދައި އެތަނަށް ވަންނަ އުޅަނދުތަކަށް ފީ ނަގަމުން ދިޔަ އުސޫލަށް ބަދަލު ގެނެސްފި އެވެ.
ނޯތު ހާބަރަށް މީގެ ކުރިން ސައިކަލް ވަނުމަށް ހުއްދަ ދީފައެއް ނުވެ އެވެ. ނަމަވެސް މާދަމާއިން ފެށިގެން ހާބަރު ސަރަހައްދަށް ސައިކަލަށް ވަދެވޭނެ ކަމަށާއި އަދި ސައިކަލް ޕާކް ކުރުމަށް ހާއްސަ އޭރިއާ އެއް ވެސް ހެދިފައިވާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ނޯތު ހާބަރަށް މާދަމާ އިން ފެށިގެން ސައިކަލަށް ވަދެވޭނެ ކަމަށާއި ނަމަވެސް ސައިކަލްގެ ރަޖިސްޓްރީ ދައްކަންޖެހޭނެ ކަމަށެވެ. އަދި ހާބަރު ސަރަހައްދުގައި ސައިކަލް ޕާކް ކުރާނަމަ ހޭދަވާ ކޮންމެ ގަޑިއިރަކަށް ފަސް ރުފިޔާ ޗާޖު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ނޯތު ހާބަރަށް ކުދި ޕިކަޕާއި ކާެރެއް ވަންނަ ކޮންމެ ފަހަރަކަށް މާދަމާއި ފެށިގެން ފަސް ރުފިޔާ ނަގާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ލޮރީއާއި ބޮޑު ޕިކަޕް ކަހަލަ ހެވީ އުޅަނދުތައް ހާބަރު ސަރަހައްދަށް ވަންނަ ކޮންމެ ފަހަރަކު ދިހަ ރުފިޔާ ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ނޯތު ހާބަރަށް ވަންނަ އުޅަނދުތަކަށް ކުރިން ދުވާލަކަށް ނަގަމުން ގެންދިޔަ 11 ރުފިޔާގެ ފީ އުވާލުމަށްފަހު މާދަމާ އިން ފެށިގެން އާ އުސޫލަކަށް އަމަލުކުރަން ނިންމީ ބަނދަރު ބޭނުންކުރާ މީހުންގެ ޝަކުވާތައް ބޮޑުވެގެން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ.
މާލޭގެ ނޯތު ހާބަރަށް ސައިކަލަށް ވަދެވޭ ގޮތް ހަދައި އެތަނަށް ވަންނަ އުޅަނދުތަކަށް ފީ ނަގަމުން ދިޔަ އުސޫލަށް ބަދަލު ގެނެސްފައިވާ ކަން އެންގުމުގެ ގޮތުން އެމްޕީއެލް އިން މިހާރު ވަނީ އާންމު އިއުލާނެއްވެސް ކޮށްފަ އެވެ.