އުރީދޫ މޯލްޑިވްސް އިން މުޅި ރާއްޖެއަށް 4ޖީ ޕްލަސް ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
މިމަސައްކަތް ނިންމާލާފައިވާ ކަން އިއުލާންކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިޖުތިމާއީ އަދި އިގްތިސާދީ ފުރުސަތުތައް ދިވެހިންނަށް ފޯރުކޮށްދިނުމަކީ އުރީދޫގެ ތަސައްވުރެއް ކަމުގައިވާތީ 4ޖީ ޕްލަސް ނެޓްވޯކް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އުރީދޫ ނެޓްވޯކްގެ ފެންވަރު މަތިކުރުމުގެ މުހިއްމު މަސައްކަތް ފެށީ މުޅި ރާއްޖޭގައި ސަބްމެރިން ކޭބަލް އަޅައި ކޭބަލްގެ ގާބިލްކަން އިތުރުކޮށް ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މުވާސަލާތީ ބޭނުންތަކަށް ހައްލެއް ގެނެސްދިނުމަށްޓަކައި ކަމަށެވެ.
މިމަސައްކަތް ކާމިޔާބު ކަމާއި އެކު ނިންމާލެވިފައިވާތީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ މިއަދަކީ މުޅި ރާއްޖެއަށް ފުޅާކުރެވިފައިވާ ފުރަތަމަ 4ޖީ ޕްލަސް ނެޓްވޯކް ތައާރަފް ކުރެވި އުރީދޫއަށް މުހިއްމު ލަނޑުދަނޑިއަކަށް ވާސިލްވެވުނު ދުވަހެއް ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އުރީދޫއިން މަސައްކަތްކުރަމުން ދަނީ ދުނިޔޭގެ އެންމެ ފަހުގެ އުފެއްދުންތަކާއި ހިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ކަމަށްވެސް ވިކްރަމް ވިދާޅުވި އެވެ.
"ރެކޯޑް މުއްދަތެެއް ތެރޭގައި އުރީދޫގެ 4ޖީ ޕްލަސް ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ނިންމާލެވިގެން ދިޔައީ އެންމެ ފަހުގެ ވަޔަލެސް ޓެކްނޮލޮޖީ މެދުވެރިކޮށް މުޅި ދިވެހިރާއްޖެ ގުޅުވާލަދިނުމަށްޓަކައި އުރީދޫ ޓީމުން ކުރި މިންނެތް މަސައްކަތުގެ ސަބަބުން. ޑިޖިޓަލް މޯލްޑިވްސްއަށް ސަރުކާރުން ދެއްވާ އަހައްމިޔަތާއި، އުރީދޫ ގްރޫޕްގެ އެހީތެރިކަމާއި ޓެކްނޮލޮޖީ މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސް ޓީމުގެ ހުންނަ ޝައުގުވެރިކަމާއި އެކު، ހައި ސްޕީޑް ބްރޯޑްބޭންޑް މުޅި ރާއްޖެއަށް ގެނައުމުގެ މުޅިން އާ މަރުހަލާއަކާއި ކުރިމަތިލުމަށް އަޅުގަނޑުމެން މިދަނީ އުފަލާއި އެކު ތައްޔާރުވަމުން،" ވިކްރަމް ސިންހާ ވިދާޅުވި އެވެ.
އުރީދޫގެ އަގު ބޮޑު މިމަޝްރޫއު ކާމިޔާބު ކަމާއި އެކު ނިންމާލެވިފައިވާތީ އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފެންވަރު ރަގަޅު މޯބައިލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމާއި އެކު، ޑިޖިޓަލް ހިދުމަތްތަކުގެ ފައިދާތަކާއި ގުޅުވާލަދިނުމަށްޓަކައި އުރީދޫއަށް ކުރެވޭނެ ކޮންމެ ކަމެއްވެސް ކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރަމުން ނުދާ ބޭފުޅުންނާއި، އިންޓަނެޓްގެ ހިދުމަތް ލިބޭ ސްމާޓްފޯނު ނެތް ބޭފުޅުންނަށް ހާއްސަ އަގުތަކެއްގައި 4ޖީގެ ހިދުމަތް ލިބޭ ފޯނު ތައާރަފްކޮށް، އިންޓަނެޓް ބޭނުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި އުރީދޫގެ ނެޓްވޯކް އަށް ލިބިފައިވާ ކުރިއެރުމާއި އެކު، އޮންލައިން އެޑިއުކޭޝަން އަދި އީ-ހެލްތް ފަދަ ފައިދާހުރި ސްމާޓް ހިދުމަތްތައް ބޭނުންކުރުމުގައި ދިވެހިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ،" ނިޔާޒު ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް 4ޖީ ސިމްކާޑެއް ލައްވައިގެން 4ޖީ ޕްލަސް ފޯނެއް މެދުވެރިކޮށް އިތުރު އަގަކާ ނުލައި އުރީދޫގެ 4ޖީ ޕްލަސް ނެޓްވޯކް ބޭނުންކުރެވޭނެ ކަމަށެވެ. އުދީރޫގެ ކަސްޓަމަރުން މިހާރު ގެންގުޅޭ ސިމް ކާޑަކީ 4ޖީ ޕްލަސްއަށް ސަޕޯޓްކުރާ ސިމެއްތޯ ޔަގީންކުރުމަށް ''4G" ޖެހުމަށްފަހު 5353 އަށް އެސްއެމްއެސް ކުރުމުން އެކަން ޔަގީންކުރެވޭނެ ކަަމަށްވެސް އުރީދޫ އިން ބުނެ އެވެ. އަދި އުރީދޫ މޯލްޑިވްސްގެ އެކްސްޕީރިއަންސް ސެންޓަރު ތަކުންނާއި، ބިޒްނަސް ޕާޓްނާ ޝޮޕްތަކުން 4ޖީ ސިމް ކާޑް މިހާރު ލިބެން ހުންނާނެ ކަމަށްވެސް އުރީދޫ އިން ބުނެ އެވެ.
އުރީދޫ މޯލްޑިވްސް އިން އިތުރަށް ބުނީ މިއަދުގެ ދުނިޔޭގައި އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ގެނައުމުގައި އިންޓަނެޓަކީ މުހިއްމު ވަސީލަތަކަށްވާއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން މިހާރުވެސް މުހިއްމު އިންވެސްޓްމެންޓްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މަލްޓި މިލިއަން ޑޮލަރުގެ އަގުހުރި ސަބްމެރިން ކޭބަލް މެދުވެރިކޮށް، ނެޓްވޯކްގެ ގާބިލްކަން އިތުރުކޮށް، ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މިހާރު ރަގަޅުކޮށްފައިވާނެ ކަމަށްވެސް ބުނެ އެވެ. މުޅި ރާއްޖެއަށް 4ޖީގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ނިމިފައިވާތީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި، ރަށްތަކަށް، ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
"އުރީދޫގެ ނޭޝަންވައިޑް 4ޖީ ޕްލަސް ނެޓްވޯކް އަދި އަލަށް ތައާރަފްކުރުމަށް ތައްޔާރުވަމުންދާ ބްރޯޑްބޭންޑް ހިދުމަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެތުރިފައިވާ ވިޔަފާރިތަކަށް ވެސް ގިނަގުނަ ފައިދާ ލިބުން އެކަށީގެންވެ އެވެ. ހަމައެއާއިއެކު އުރީދޫގެ ބައިނަލްއަގްވާމީ ވިޔަފާރީގެ ހިދުމަތްތަކާއި، ރިސޯޓްތަކަށް ބޭނުންވާ ހުރިހާ މުވާސަލާތީ ހިދުމަތް އެއްތަނަކުން ފޯރުކޮށްދޭ ހާއްސަ ރިސޯޓް ސޮލިއުޝަންތަކުގެ ބޭނުން ހިފޭނެ އެވެ،" އުރީދޫ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.