އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކުން "ކޭޝް ބޭސިސް" ބޭނުން ކުރުމުގެ ހުއްދަ މީރާއިން ދީފި އެވެ.

އެނޫން ފަރާތްތަކުން ޚިޔާރުކުރަން ޖެހެނީ ކުރިއެކޭވެސް އެއްގޮތަށް "އެކްރުއަލް ބޭސިސް" ކަަމަށް މިރާއިން މައުލުމާތު ދެއެވެ.

މީރާއިން މިގޮތަށް ހަމަޖެއްސީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީޕީޓީގެ ގަވާއިދަށް އިއްޔެ ގެނައި 11 ވަނަ އިސްލާހުގެ ދަށުންނެވެ.

މީރާއިން ބުނީ، ކުދި ވިޔަފާރިތަކުން ހިސާބުތައް ބެލެހެއްޓުމުގައި ލުއި ދިނުމުގެ ގޮތުން، އިސްލާޙު ގެނައުމުގެކުރިން "ކޭޝް ބޭސިސް" އިޚުތިޔާރު ކުރެވެނީ އަހަރަކު 5 މިލިޔަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ކަމަށެވެ. އަދި "ކޭޝް ބޭސިސް" ގައި އާމްދަނީ އާއި ޚަރަދުތައް ހިމަނަން ޖެހޭނީ ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީޚެއް ގައި ކަަމށް ވެސް މީރާއިން މައުލުމާތ ދެއެވެ.

މީރާއިން ބުނީ، "އެކްރުއަލް ބޭސިސް" ގައި އާމްދަނީ އާއި ޚަރަދުތައް ހިމަނަން ޖެހޭނީ (ފައިސާ ލިބުނަސް ނުވަތަ ނުލިބުނަސް) އެކަމެއް ނިސްބަތްވާ ތާރީޚެއް ގައި ކަމަށެވެ.

މީގެއިތުރުން މީރާއިން އިއްޔެ ވަނީ ބީޕީޓީ ބަޔާން ހުށަހެޅުމުގައި ވަކި ފަރުދުންނަށް ދީފައިވާ ލުއި، އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ "ޑީމްޑް ޕާޓްނަރޝިޕް" ތަކަށް ވެސް، ޓެކްސް އަހަރު 2016 އިން ފެށިގެން، ދީފައެވެ. އެއީ، އަހަރަކު އާމްދަނީ 750,000 ރުފިޔާ އަދި ފައިދާ 500,000 ރުފިޔާ އަށްވުރެ މަދުން ލިބޭ ފަރާތްތައް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުން ކަމަށް މިރާއިން މައުލުމާތު ދެއެވެ.

މީގެ އިތުރުން ކުންފުންޏެއް އުވާލަން ހުށަހަޅާ ތާރީޚުގެ ފަހުން ހިނގާ މުއްދަތުތަކަށް އެއްވެސް ޓެކްސް ބަޔާނެއް ހުށަހަޅަން ނުޖެހޭގޮތަށް ވެސް މީރާއިން ވަނީ ހަމަޖައްސާފައެވެ. އަދި މިހާރު އުވާލަން ހުށަހަޅާފައިވާ ހުރިހާ ކުންފުންޏަކަށްވެސް މި ލުއި ލިބޭނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.