ހުޅުމާލޭގައި 73 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ޖައުސާ އިންވެސްޓްމަންޓާ ހަވާލުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ޖައުސާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޖަހުދާން ޖައުފަރެވެ.
އެޗްޑީސީން ބުނީ ޖައުސާއާއި މިއަދު ހަވާލުކުރި މަޝްރޫއުގެ މަސައްކަތް 26 މަސް ދުވަސް ތެރޭގައި ނިންމުމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށެވެ.
މިމަޝްރޫއުގެ ދަށުން އެކި ފަންތީގެ ފްލެޓްތައް އެޅުމަށް ހަމަޖައްސާފައިވާއިރު މިފްލެޓްތައް އަޅާނީ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގައި އެތައް ސަތޭކަ ފްލެޓްތަކެއް އެޅުމަށް އެތައް ކުންފުނިތަކަކާއި ހަވާލުކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދާއިރު ހައުސިން މަޝްރޫއުތައް 2018 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލޭގައި ފްލެޓްތައް އަޅަން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން ތުރުކީ، ޗައިނާ، ސްރީލަންކާ އަދި އިންޑިއާގެ ކުންފުނިތަކާއި ވެސް ވަނީ ހަވާލުކޮށްފަ އެވެ.