ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން ބޭނުން ކުރާ ކަސްޓަމަރުންނަށް ގޮތް ނޭނގޭ ފޯން ކޯލާއި އީމެއިލް ލިބެމުންދާތީ ސަމާލުވުމަށް ބީއެމްއެލް އިން އަންގައިފި އެވެ.
ބީއެމްއެލް އިން ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ ގޮތް ނޭނގޭ މެއިލްތަކެއް ކޮންމެވެސް ބަޔަކު އެ ބޭންކުގެ ކަސްޓަމަރުންނަށް ފޮނުވަމުންދާ ކަމަށެވެ. ނަމަވެސް އެއީ އެ ބޭންކުން ފޮނުވާ އީމެއިލް ތަކެއް ނޫންކަމަށްވާތީ އެއަށް ސަމާލުވުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި އެ މެއިލްގައި ފިލް ކުރުމަށް ފޮނުވާފައިވާ ފޯމް ފިލް ނުކުރުމަށާއި އެ މެއިލް އަށް ޖަވާބު ނުދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ބީއެމްއެލް އިން ބުނީ މިފަދަ އީމެއިލްއެއް ލިބިއްޖެނަމަ އޭގައިވާ މައުލޫމާތު ފުރިހަމަކުރުމުގެ ބަދަލުގައި ބޭންކަށް ގުޅައިގެން ކަމާ ގުޅޭ ސައްހަ މައުލޫމާތު އޮޅުން ފިލުވުމަށް އެދޭ ކަމަށެވެ.
"މިފަދަ އީމެއިލްތަކަށް ސަމާލުވުމާ އެކު އީމެއިލްގައި ބުނާ ތަފްސީލްތައް ހިއްސާ ނުކުރުމަށް އެދެން،" ބީއެމްއެލްގެ ޓްވީޓުގައިވެ އެވެ.